Last Updated: June 12, 02:23
Friday, June 12, 2026
ޚަބަރު

ބިރު ދެއްކުމުން ބިދޭސީ ޓީޗަރަކު ރާއްޖެ ދޫކޮށްލައިފި

ށ. ފުނަދޫ ސްކޫލުގެ ބީޓެކް ޕްރޮގްރާމަށް އެޑިއުކޭޝަން މިނިސްޓްރީން ފޮނުވާފައި ހުރި ބިދޭސީ ޓީޗަރަކަށް އެސްކޫލުގެ ދަރިވަރުންތަކެއް ބިރުދައްކައި، މާރާމާރީ ހިންގުމުގެ ސަބަބުން ޓީޗަރު ރާއްޖެ ދޫކޮށް އެނބުރި ގައުމަށް ބަދަލުވެއްޖެއެވެ.

ބީޓެކް ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން ހުށައަޅަން ޖެހޭ އެސައިންމެންޓެއްގެ މާކްސް ބަދަލުކޮށް، މަތިކޮށްދިނުމަށް އެދުމުން އެގޮތަށް ކަންކޮށް ނުދިނުމުން ދަރިވަރުން ވަނީ ޓީޗަރަށް ހަމަލާ ދީފައެވެ.

އެނގިފައިވާ ގޮތުގައި އިއްޔެ ހިނގި މިހާދިސާގައި ދަރިވަރުން ވަނީ ފޮތްތަކާއި ގޮނޑިން ޓީޗަރު ގައިގައި ޖަހައި، ހަމަލާ ދީފައެވެ. އަދި ދަރިވަރުން ހިންގި މިއަމަލުގެ ސަބަބުން ސުކޫލުގެ ވެރިން އެ ކުދިންނަށް ފިޔަވަޅެއްވެސް އަޅާފައި ނުވާ ކަމަށް ޚަބަރު ލިބެއެވެ.

ތިން އަހަރު ވަންދެން ރާއްޖޭގައި ކިޔަވައި ދެމުން އައި ބިދޭސީ ޓީޗަރު ވަނީ މިފަދަ ދަށު ދަރަޖައިގެ އަމަލެއް ސްކޫލްގެ ދަރިވަރުންގެ ފަރާތުން ފެނުމުން އިއްޔެ ސްކޫލުގެ ޓީޗަރުކަމުން ވަކިވެފައެވެ. އަދި މިރޭ އެނބުރި ގައުމަށް ދިއުމަށް އޭނާ ވަނީ ނިންމާފައެވެ.