Last Updated: June 12, 02:23
Friday, June 12, 2026
ޚަބަރު

ބަންދުގައި ހުރީ ކުއްތާއެއް ބަންދުކުރާ ގޮތަށް: ސިނާން

މެމްބަރ އަބްދުﷲ ސިނާން؛ ފޮޓޯ: އަވަސް

މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި މާފަންނު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އޭނާއާއި އިތުރު ބައެއް ހައްޔަރީންނާ މެދު ޖަލު އޮފިސަރުން ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ ކޯޓުގައި ސިނާން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސިނާނާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުމުގައި ކޯޓުގައި ވާހަކަ ދެއްކުމުގެ ފުރުސަތު އެރުވުމުން އޭނާ ވަނީ ޖަލުގައި ބަންދުކޮށްފައިވަނީ ކުއްތާއަކު ބަންދުކުރާ ގޮތަށް ކަމަށް ބުނެފައެވެ.

ކުށް ސާބިތުވެ ހުކުމް ތަންފީޒު ކުރާ ގައިދީންވެސް މާ މިނިވަން ކަމާއެކު ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބަންދުކޮށްފައިވާ ގޮޅިއަކީ ވަރަށް ކުޑަ، މުޅިން ބަންދުވެފައިވާ ގޮޅިއެއް ކަމަށާއި ބޭރުގައި ހޭދަކުރެވެނީ ވަރަށް ކުޑަ ވަގުތުކޮޅަކަށް ކަމަށް އޭނާ ފާހަގަކުރިއެވެ.

މީގެ އިތުރުން މަޖިލިސް މެމްބަރެއްގެ ހައިސިއްޔަތުން ރަސްމީ ހެދުމުގައި ކޯޓަށް ހާޒިރުކޮށްދިނުމަށް އެދުމުން އެކަންވެސް ކަރެކްޝަންސް އިން ކޮށްދީފައި ނުވާކަން ސިނާން ވަނީ ޝަރީއަތުގައި ފާހަގަކޮށްފައެވެ. އަދި އެފަދަ ކުދިކުދި ކަންކަން ޝަރީއަތުގެ މަޖިލީހުގައި ދައްކަން ޖެހޭތީ ހިތާމަ ކުރައްވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

ސިނާން ކޯޓަށް ހާޒިރުކުރީ އާދައިގެ ގަމީހަކާއި ޖިންސެއްގައެވެ. ސިނާން ވަނީ ރަސްމީ ހެދުމުގައި ޓައި އަޅައިގެން ކޯޓަށް ހާޒިރުކުރުމަށް އެދިފައެވެ. ސިނާންގެ ޝަކުވާ އެއްސެވުމަށްފަހު ގާޒީ ހައިލަމް ވަނީ އެފަދަ ކަންކަން އިސްލާހު ކުރުމަށް ކަރެކްޝަންސް އަށް ސިޓީއެއް ފޮނުވާނެ ކަމަށް ވިދާޅުވެފައެވެ.