ސިފައިންގެ 126 ވަނަ އަހަރީ ދުވަހާ ގުޅިގެން އައްޑޫގައި މިދިޔަ ހޮނިހިރު ދުވަހު ބާއްވަން އުޅުނު "126 ރަން" އަންނަ މަހު 5 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ އިން އިންތިޒާމް ކުރާ މި ދުވުން އޮންނާނީ އެ ދުވަހުގެ 4:00 ގައެވެ.
ދެ ޖިންސުގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖައްސާފައިވާ މި ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު ވެސް ވަނީ ފުރުޞަތު ހުޅުވާލައިފައެ ވެ.
ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ހިތަދޫ ފަޔަ ސްޓޭޝަނުންނާއި ގަމުގެ ކޯޒްވޭ ސަރަޙައްދުގައި ހުންނަ ކޯސްޓްގާޑު ޕޯސްޓުން ދޫކުރާ ރަޖިސްޓްރީ ފޯމް ފުރުމަށް ފަހު، ހުށަހެޅުން ބައިވެރިވެވޭނެ އެވެ.
ކޮންމެ އަހަރެއްގެ ސިފައިންގެ ދުވަހާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާއިން ބާއްވާ މި ދުވުމަށް ކަނޑައެޅިފައިވާ ކެޓަގަރީ ތަކަކީ، 5 ކިލޯ މީޓަރު އަދި 10 ކިލޯ މީޓަރުގެ ދުވުމާއި، 5 ކިލޯ މީޓަރުގެ ޓީމު އިވެންޓެވެ.
ޓީމު އިވެންޓްގައި ބައިވެރިވެވޭނީ 5 ދުވުންތެރިންގެ ޓީމަކަށެވެ.
މި ދުވުމުގައި، ހޮވުމަށް ހަމަޖެހިފައިވާ ވަނަތަކަކީ، 5 ކިލޯ މީޓަރު އަދި 10 ކިލޯ މީޓަރުގެ ބައިން އަންހެން، ފިރިހެން ވަކިން އެއްވަނަ، ދެވަނަ އަދި ތިން ވަނަ އެވެ.
ޓީމް އިވެންޓުން ވެސް އެއްވަނަ، ދެވަނަ އަދި ތިން ވަނަ ހޮވަން ވަނީ ހަމަޖެހިފަ އެވެ.
މި މަހުގެ 21 ގައި ބާއްވަން ނިންމި "126 ރަން" އަންނަ މަހަށް ފަސް ކުރީ ހިތަދޫގައި މިދިޔަ ހޮނިހިރު ދުވަހު މޫދަށް އެރި އުޅުނު ކުދިންތަކެއް ހޯދަން ސިފައިން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަން ޖެހުމާ ގުޅިގެންނެވެ.