"ރޮކް ސްޓާ" އާއި "ޖަބް ވީ މެޓް" ފަދަ ކާމިޔާބް ފިލްމްތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ އިމްތިއާޒް އަލީގެ އާ ފިލްމް "ހައިވޭ" އަށް ކަރަން ޖޯހަރުގެ "ސްޓޫޑެންޓް އޮފް ދި ޔެއާ" އިން ތައާރަފްވި އާލިއާ ބަޓް އާއި ރަންދީޕް ހޫޑާ ސޮއިކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މިކަން އެ ތިން މީހުން އަދި ކަށަވަރުކޮށް ނުދިން ނަމަވެސް ކަރަންގެ އެޕްރޫވަލް އާ އެކު އާލިއާ "ހައިވޭ" އަށް ސޮއިކޮށްފައިވާ ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެ އެވެ.
އުމުރުން އެންމެ 19 އަހަރުގެ އާލިއާ، 34 އަހަރުގެ ރަންދީޕް ހޫޑާ އާ އެކު ސްކްރީނަށް އަންނަން ތައްޔާރުވަމުން އަންނަ އިރު، ހޫޑާ ވަނީ އާލިއާގެ ބައްޕަ މަހޭޝް ބަޓްގެ ކޭމްޕުގައި ކާމިޔާބް މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން މި އަހަރު ރިލީޒްވި ބަޓް ކޭމްޕްގެ "ޖަންނަތު 2"، "ޖިސްމް 2" ގައި ހޫޑާ ވަނީ މުހިއްމު ރޯލްތަކެއް އަދާކޮށްފަ އެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދަނީ ބަޓް ކޭމްޕްގެ ކާމިޔާބް އިރޮޓިކް ފްރެންޗައިޒް "މާޑާ 3" އިން ނެވެ.
"ސްޓޫޑެންޓް އޮފް ދި ޔެއާ" އަށް ފަހު އާލިއާ ވަނީ ކަރަން ޖޯހަރު އާއި ސާޖިދް ނަދިއަދްވާލާ ގުޅިގެން އުފައްދާ "ޓޫ ސްޓޭޓްސް" އަށް ސޮައިކޮށްފަ އެވެ. މި ފިލްމްގައި އޭނާގެ ކޯ ސްޓަރަކީ ޒުވާން އެކްޓަރު އަރުޖުން ކަޕޫރެވެ.
އާލިއާ ބަޓް ފިލްމް "ސްޓޫޑެންޓް އޮފް ދި ޔެއާ" ގެ މަންޒަރެއްގައި.