Last Updated: June 12, 02:23
Friday, June 12, 2026
ޚަބަރު

"2023 ގައި ވެސް ޔާމީނަށް ވެރިކަމުގައި ހުރެވޭ ގޮތް ހަދާނެ"

ރައީސް ޔާމީންގެ ދެ ދައުރު ފުރިހަމަކުރުމަށް ފަހު އިތުރު ދައުރެއްގައި ވެސް ވެރިކަމުގައި ބެހެއްޓޭނެ ގޮތް ހެދުމަށް ވިސްނަމުންދާ ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެފައިވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ވާދަކުރަން ނިންމަވާފައިވާއިރު އަދި ކުރިއަށް އޮތް ފަސް އަހަރުގައި ވެރިކަން ކުރުމަށްފަހު ނިންމާލުމަށް ވިސްނުން ނުބަހައްޓާ ކަމަށެވެ.

އަދި އޭގެ އިތުރު ދައުރެއްގައިވެސް ރާއްޖޭގެ ވެރިކަމުގައި ރައީސް ޔާމީން ބެހެއްޓުމުގެ ވިސްނުން އެބަ ހުރި ކަމަށް އޭނާ ވިދާޅުވެފައެވެއެވެ. ރޭ އިހަވަންދޫގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ނިހާން މިހެން ވިދާޅުވެފައިވާއިރު ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި ބަޔާން ވެފައިވާ ގޮތުގައި ވެރިކަމުގައި އެއް ބޭފުޅަކަށް ހޭދަ ކުރެވޭނީ ގިނަ ވެގެން ދެ ދައުރު ކަމަށެވެ.

އެހެންކަމުން ނިހާންއާއި ޕީޕީއެމުން މިހާރު މަސައްކަތް ކުރަނީ ގާނޫނު އަސާސީ އަށް ބަދަލު ގެނެސްގެން ރައީސް ޔާމީން މަގާމުގައި ދެމެހެއްޓުމުގެ މަސައްކަތް ކަމަށް ބެލެވެއެވެ.

ޗައިނާގެ ރައީސް ޝީ ޕިންގ ވެސް ވަނީ ދާދި ފަހުން ޗައިނާގެ ގާނޫނަށް ބަދަލު ގެނެސްގެން އުމުރަށް ވެރިކަމުގައި ހުރެވޭނެ ގޮތަށް ހަދާފައެވެ.