Last Updated: April 19, 21:43
Friday, April 19, 2024
ޚަބަރު

ކްލައިމެޓް ގަވަނެންސާ ބެހޭ ކޮންފަރެންސެއް ބާއްވައިފި

ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް-ބަންގްލަދޭޝް ގުޅިގެން ތައިލޭންޑުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ކޮންފަރެންސެއް ބާއްވައިފިއެވެ.

ކްލައިމެޓް ފައިނެންސްއާ ގުޅޭގޮތުން 15 ގައުމެއްގެ 53 ބައިވެރިންނާއެކު ބޭއްވި މި ކޮންފަރެންސަކީ ތިން ދުވަހަށް ކުރިއަށްދިޔަ ކޮންފަރެންސެކެވެ. ކޮންފަރެންސުގައި އަލިއަޅުވާލި ކަންތައްތަކުގެ ތެރޭގައި އދ. ގެ ދެމެހެއްޓެނިވި ތަރައްގީ ވާސިލުވާނެ ގޮތްތަކާއި ޕެރިސް އެގްރީމެންޓު ހިމެނެއެވެ.

މީގެ އިތުރުން ކްލައިމެޓް ފައިނޭންސްގައި ދެފުށް ފެންނަ ނިޒާމެއް ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމާއި އޭގެ މުހިންމުކަމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާނެ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑީވްސް އިން މައުލޫމާތު ދީފައިވެއެވެ.

އަދި ސަރަހައްދީ ގުޅުންތައް ވަރުގަދަ ކުރުމާއި، ޕްރައިވެޓް ސެކްޓަރާއި ގުޅިގެން މަސައްކަތް ކުރުމާއި ސަރުކާރުތަކުގެ ދައުރާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިގެން ދިޔައެވެ. ދިވެހި ރާއްޖެއާއި ބަންގްލަދޭޝްއަކީ ބިމުގެ ގޮތުން ބަލާއިރު ވަރަށް ބޮޑު ފަރަގެއް އޮންނަ ދެގައުމަށް ވިޔަސް، ދެ ގައުމަށްވެސް ކުރިމަތިވާ ގޮންޖެހުންތަކަކީ ދާދި އެއްގޮތް ގޮންޖެހުންތައް ކަން ކޮންފަރެންސުގައި ފާހަގަކޮށްފައިވެއެވެ.

ގްރީން ކްލައިމެޓް ފަންޑުގެ އިންޓެގްރިޓީ ޔުނިޓްގެ ހެޑް، އިބްރާހިމް ޕޭމް ކޮންފަރެންސުގައި ވާހަކަ ދައްކަނީ-

މީގެ އިތުރުން ސަރުކާރުތަކާއި ގާނޫނީ އިދާރާތަކާއި ގުޅިގެން ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް ކުރާ މަސައްކަތަށް ކާމިޔާބެއް ލިބޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ކޮންފަރެންސް ނިންމާލަމުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފައިވެއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި މިކޮންފަރެންސަކީ ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވުނު ކޮންފަރެންސެކެވެ. އަދި ބައިވެރިންގެ ފަރާތުން މިފަދަ ބައްދަލުވުންތައް މުޖުތަމައު ތެރޭގައި ބާއްވައި، އާންމު ރައްޔިތުންގެ ބަސް އިއްވުމަށް އެފަރާތުން ވަނީ އެދިފައެވެ.