އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ދެކުނު ކޮރެއާއަށް ވަޑައިގެން، ދެ ލީޑަރުން ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އޮތް ދުވަސްވީ ހަނގުރާމަ ނިނުމަކަށް ގެނައުމަށް ދެ ލީޑަރުން އެއްބަސް ވެއްޖެއެވެ.
ދެ ލީޑަރުން ދެއްވި ބަސްދީގަތުމެއްގައި ވަނީ މިއަހަރު ފަހުކޮޅު ދެގައުމުގެ ދެމެދުގައި ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރެވޭނެ ކަން އިއުލާންކޮށްފައެވެ. އަދި މީގެ ސަބަބުން ރަސްމީ ގޮތެއްގައި ދެގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ދެކޮޅުވެރިކަން ނިމުމަކަށް ގެނެވޭނެ ކަމަށް ލީޑަރުން ވިދާޅުވިއެވެ.
"ދެ ލީޑަރުން އެއްބަސް ވަން، މީގެ ފަހުން ކޮރެއާގައި ހަނގުރާމައެއް ނޯންނާނެ. ސުލްހައިގެ ޒަމާނެއް ފެށިގެންދާނެ.." ލީޑަރުން އެރުވި ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ކޮރެއާގައި ނިއުކްލިއާ ހަކަތަ ނައްތާލުމަށް އެކީގައި މަސައްކަތް ފަށާނެ ކަމަށްވެސް މި ގަރާރުގައި ވެއެވެ.
މި ބައްދަލުވުމަށް ކޮރެއާ ބޯޑަރު ހުރަސްކުރައްވައި ކިމް ޖޮންގ އުން ދެކުނު ކޮރެއާއަށް ވަދެފައިވަނީ 1953 ވަނަ އަހަރު ކޮރެއާ ހަނގުރާމަ ނިމުމަށްފަހު ދެކުނު ކޮރެއާއަށް ވަން ފުރަތަމަ އުތުރު ލީޑަރުގެ ގޮތުގައެވެ.
ދެކޮރެއާގެ ލީޑަރުންގެ ދެމެދުގައި އުފެދުނު ސުލްހައިގެ އެއްބަސްވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަނީ މަރުހަބާ ކިޔަމުންނެވެ.