ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޚާއްސަ ޖަލްސާއެއް މިރޭ އއ.ރަސްދޫގައި އޮންނާނެ ކަމަށް ހާމަކޮށްފި އެވެ.
ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު އާއި ހަވާލާދީ "ވީނިއުސް" އިން ރިޕޯޓްކުރާ ގޮތުގައި ޕާޓީތަކުން ހަފުތާ ބަންދުގައި ބާއްވަމުން އަންނަ ޚާއްސަ ޖަލްސާ މިފަހަރު އޮންނާނީ މިރޭ 21:00 ގައި ރަސްދޫ ބަނދަރު ސަރަޙައްދުގައި ކަމަށެވެ.
މިރޭގެ ޖަލްސާގައި ގުޅިފައިވާ ޕާޓީތަކުގެ އިސްވެރިންނާއި ޕާޓީތަކަށް ނިސްބަތްވާ މަޖިލީސް މެމްބަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި މިޖަލްސާއަކީ ވަރަށް ފޯރިގަދަ ޖަލްސާއަކަށް ވާނެ ކަމަށް ވެސް އަލީ ސޯލިހު ވިދާޅުވިއެވެ.
އަރިއަތޮޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ނިސްބަތްވެވަޑައިގަންނަވާ އަތޮޅަށް ވެފައި، އެއަތޮޅުގައި ޖޭޕީގެ ވަރަށް ބޮޑު ތާއީދެއް އޮންނަކަން ފާހަގަކުރައްވަމުން އަލީ ސޯލިހު ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ތާއީދުކުރާ ވަރަށް ގިނަ ބަޔަކުވެސް މިޖަލްސާގައި ބައިވެރިވާނެ ކަމަށާއި ގުޅިފައިވާ ޕާޓީތަަކަށް ތާއީދުކުރާ ވީހާވެސް ގިނަ ބަޔަކު ޖަލްސާގައި ބައިވެރިވުމަށް އެދޭ ކަމަށެވެ.
ގުޅިފައިވާ ޕާޓީތަކުން ދަނީ ކޮންމެ ރެޔަކު މާލޭގައި އިހުތިޖާޖުތައް ކުރިއަށް ގެންދަމުންނެވެ.