Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

އެމްޓީސީސީގެ ހިއްސާއަކަށް މި ފަހަރު 2.60ރ.

އެމްޓީސީސީގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން - ފޮޓޯ: ޓްވިޓާ (އެމްޓީސީސީ)

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ހިއްސާއަކަށް ދެ ރުފިޔާ ފަސްދޮޅަސް ލާރި ބަހަން ނިންނަމައިފިއެވެ.

ރޭ ހޮޓެލް ޖެންގައި ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި، ފަސް ރުފިޔާގެ ކޮންމެ ހިއްސާއަކަށް 2.6 ރުފިޔާ ބެހުމަށް ފާސްކުރީ ޖަލްސާގައި ބައިވެރިވި 501 ހިއްސާދާރުންގެ ތެރެއިން 450 ހިއްސާދާރުންގެ ވޯޓާ އެކުގައެވެ. އެއީ ޖަލްސާގައި ބައިވެރިވި 89 ޕަސަންޓު ހިއްސާދާރުންގެ އަގުލަބިއްޔަތެވެ.

މީގެ ކުރީގައި އެމްޓީސީސީގެ ހިއްސާއެއްގެ މޫނުމަތީ އަގަކީ 50 ރުފިޔާ ނަމަވެސް އެކުންފުނިން މިދިޔަ އަހަރު ވަނީ ހިއްސާއެއްގެ އަގު ފަސް ރުފިޔާއަށް ކުޑަކޮށްފައެވެ. އަދި މީގެ ކުރިން ހިއްސާދަރުން ގަނެފައި އޮތް ކޮންމެ ހިއްސާއަކީ 10 ހިއްސާ ކަމަށް ކަނޑައަޅާފައެވެ.

ރޭ ކުރިއަށްދިޔަ އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ ކުންފުންޏަށް ޓެކުހަށް ކެނޑުމުގެ ކުރިން ލިބިފައިވާ ފައިދާ އަހަރަކަށްވުރެ އަހަރެއް އިތުރުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ރޭގެ ޖަލްސާގައި ވަނީ އާންމު ހިއްސާދާރުންގެ ތެރެއިން ޑިރެކްޓަރު ކަމަށް ނަސްރަތު މުހައްމަދާއި މަންސޫރު ޒުބައިރު ހޮވާފައެވެ. އެ ދެބޭފުޅުން އެމަޤާމަށް ހޮވާފައި ވަނީ ޖަލްސާގައި ބައިވެރިވި 501 ހިއްސާދާރުންގެ އަޣުލަބިއްޔަތުންނެވެ.

އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރު ކަމަށް ނަސްރަތު މުހައްމަދު ހޮވާފައިވަނީ ބައިވެރިވި 467 ހިއްސާދާރުންގެ ވޯޓުންނެވެ. އަދި މަންސޫރު ޒުބައިރު ހޮވާފައިވަނީ ޖަލްސާގައި ބައިވެރިވި 410 ހިއްސާދާރުންގެ ވޯޓުންނެވެ.

އެމްޓީސީސީގެ ހިއްސާ ބެހިފައިވާ ގޮތަށް ބަލާއިރު ކުންފުނީގެ 64.20 އިންސައްތަ ހިއްސާ އޮންނަނީ ދިވެހި ސަރުކާރުގެއެވެ. އަދި ކުންފުނީގެ 4.65 އިންސައެްތަ ހިއްސާ މޯލްޑިވްސް ނޭޝަނަލް ޝިޕިންގް ލިމިޓެޑަށް އޮންނައިރު އާންމު ހިއްސާދާރުން ކޮންޓްރޯލުކުރަނީ ކުންފުނީގެ 31.15 އިންސައްތަ ހިއްސާއެވެ.

މީގެ އިތުރުން މިޖަލްސާގައި ވަނީ އެމްޓީސީސީ އޮޑިޓް ކުރުމަށްޓަކައި 381،600 ރުފިޔާއަށް މިދިޔަ އަހަރުވެސް ކުންފުނި އޮޑިޓް ކުރި ކޭޕީއެމްޖީ އާއި ހަވާލުކޮށްފައެވެ.