Last Updated: May 10, 18:13
Friday, May 10, 2024
ޚަބަރު

ވިލިއަމާއި ކޭޓްގެ ތިންވަނަ ދަރިފުޅުގެ ނަމަކަށް "ލުއީ"

ފޮޓޯ: ގޫގުލް

އިނގިރޭސިވިލާތުގެ ތަޚްތުގައި ދެވަނަ އަށް ހުންނަވާ ޕްރިންސް ވިލިއަމް އާއި އޭނާގެ އަނބިކަނބަލުން ކެތަރިން މިޑްލްޓަންގެ ތިން ވަނަ ދަރިފުޅަށް ޕްރިންސް ލުއީ ކިޔުމަށް ނިންމައިފިއެވެ.

ޕްރިންސް ވިލިއަމް އާއި ކޭޓް ދިރިއުޅުއްވަމުން ގެންދަވާ ގަނޑުވަރު ކަމުގައިވާ ކެންސިންގްޓަން ޕެލެސް އިން މިކަން އިއުލާންކޮށްފައި މިއަދުގެ ވަގުތެއްގަ އެވެ.

މި މަހުގެ 23 ވަނަ ދުވަހު އުފަންވި ޕްރިންސް ލުއީގެ ފުރިހަމަ ނަމަކީ ލުއީ އާތާރ ޗާލްސްއެވެ. އަދި ލަޤަބަކީ ހިޒް ރޯޔަލް ހައިނެސް ޕްރިންސް ލުއީ އޮފް ކެމްބްރިޖްއެވެ.

ޕްރިންސް ލުއީ އަދި މަންމާފުޅު ކޭޓް މިޑްލްޓަންގެ ހާލުކޮޅުވެސް ރަނގަޅުއިރު ގިނަ ބަޔަކު ވަނީ އިނގިރޭސިވިލާތާއި އެގައުމުގެ ޝާހީ އާއިލާއާއި އެހާ ގުޅުމެއް ނެތް ނަމެއް ކިޔުމަށް ޕްރިންސް ވިލިއަމް އާއި ކޭޓް ނިންމެވީ ކީއްވެގެންތޯ ސުވާލު އުފައްދައިފައެވެ.

ލުއީ އެނަމަކީ އާންމުކޮށް ފަރަންސޭސިވިލާތް އަދި ޖަރުމަންވިލާތުގައި ބޭނުންކުރެވޭ އަދި އެޤައުމުތަކުގެ ޝާހީ އާއިލާތަކުގައި އާންމުކޮށް ބޭނުންކުރެވޭ ނަމެކެވެ. އެހެންނަމަވެސް އެ ނަމަކީ ޕްރިންސް ވިލިއަމް އަދި ދަރިކަލުން ޕްރިންސް ޖޯޖްގެވެސް ނަމުގައި ހިމެނޭ ނަމެކެވެ.

ޕްރިންސް ވިލިއަމް އާއި ކޭޓްގެ ކައިވެންޏަށް އިތުރު ފިރިހެން ދަރިކަލަކާއި އެއް ދަރިކަނބަލަކު ލިބިފައިވެއެވެ. އެއީ ޕްރިންސް ޖޯޖް އާއި ޕްރިންސެސް ޝާލޮޓް އެވެ.