Last Updated: June 12, 02:23
Friday, June 12, 2026
ކުޅިވަރު

ސީޒަން ނިމުމުން އިނިއެސްޓާ ބާސާ ދޫކޮށްލަނީ

އުމުރުން 16 އަހަރުގައި ބާސާގެ ފުރަތަމަ ޓީމަށް ކުޅެން ފެށި އަންދްރޭސް އިނިއެސްޓާ 17 އަހަރަށް ފަހު ކުލަބު ދޫކޮށް ދިއުމަށް ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިނިއެސްޓާ ބުނެފައިވަނީ ކުޅެން ފެށިއިރު އޭނާގެ ހަމައެކަނި އަމާޒަކަށް ވީ ބާސާގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރުން ކަމަށެވެ. އަދި އެ ލަނޑުދަނޑި ހާސިލު ވެއްޖެ ކަމަށާއި އެހެންކަމުން ކުލަބު ދޫކޮށް ދިއުމަށް ގަސްދުކޮށްފައިވާ ކަމަށް 33 އަހަރުގެ ބާސާ ކެޕްޓަން ބުނެފައިވެއެވެ.

ބާސާގައި ހޭދަކުރި 17 އަހަރު ތެރޭގައި އިނިއެސްޓާ ވަނީ އަށް ފަހަރު ލީގު ނަގާފައެވެ. އަދި ހަތަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ އިނިއެސްޓާ އަކީ ސްޕެއިނުން 2010 ވަނަ އަހަރު ވޯލްޑް ކަޕް ނެގިއިރު ފައިނަލް މެޗުގައި ގޯލު ޖެހި ކުޅުންތެރިޔާ ވެސްމެއެވެ.

ބާސާ އަށް ފަހު އިނިއެސްޓާ ދެން ކުޅޭނީ ޗައިނާ ލީގުގައި ކަމަށް އަޑު ފެތުރިފައިވެއެވެ. ނަމަވެސް އޭނާ ވަނީ އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ހާމަކުރުމަށް ދެކޮޅު ހަދާފައެވެ. ނަމަވެސް އިނިއެސްޓާ ބުނެފައިވަނީ އޭނާ ދުވަހަކުވެސް ބާސާއާ ދެކޮޅަށް ނުކުޅޭނެ ކަމަށެވެ. އެހެންކަމުން ޔޫރަޕުގެ ކުލަބަކުން އިނިއެސްޓާ ފެނުމުގެ ފުރުސަތު ވަރަށް ކުޑައެވެ.