އައްޑޫ ސިޓީގެ ތަރައްޤީ އަށް ކަންކަން ރާވާ ހިންގުމުގައި، މިހާރަށް ވުރެ ބޮޑަށް، ރައްޔިތުންގެ ބައިވެރިވުން ހޯދުމުގެ ބޭނުމުގައި، އައްޑޫ ސިޓީ ކައުންސިލުން އުފައްދަން ނިންމަވާފައިވާ ކޮމިޓިތަކުގެ ތެރެއިން "ތާރީޚް ދިރާސާ ކުރާ ކޮމިޓީ" އަދި "ސްޕޯޓްސް ކައުންސިލް" އަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެ ވެ.
މިކަމާއި ގުޅިގެން ކައުންސިލްގެ އިދާރާ އިންއާއްމު ކުރި އިއުލާންގައި ވަނީ، އިދާރީ ދާއިރާތައް ލަމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، އައްޑޫ ސިޓީގެ ރައްޔިތުންނަށް ޚިދުމަތް ދިނުމުގަ އާއި ތަރައްޤީގެ މަޝްރޫޢުތައް ރާވާ ހިންގުމުގައި، އެކިއެކި ފަންނުގެ ކަމަށް ގާބިލް ތަޖުރިބާ ހުރި ބޭފުޅުންގެ ލަފަޔާއި މަޝްވަރާ، އައްޑޫ ސިޓީ ކައުންސިލަށް ބޭނުންވާ ކަމަށެވެ.
ތަފާތު އެކި ފަންނުގެ ތަޖުރިބާހުރި ބޭފުޅުން ހިމެނޭ ގޮތަށް އެކި ދާއިރާތަކުން ކޮމިޓީތައް އުފެއްދުމުގެ ބޭނުމަކީ، އެކިއެކި ދާއިރާތަކުން ކަންކަން ރާވައި ހިންގުމުގައި މިހާރަށް ވުރެ ބޮޑަށް ރައްޔިތުންގެ ބައިވެރިވުން ލިބިގެން ކަންކަން ކުރަމުން ދިއުން ކަމަށް ކައުންސިލުން ބުނެ އެވެ.
އައްޑޫ ސިޓީގެ ތަރައްޤީގެ ކަންކަން ރާވާ ހިންގުމުގައި، ކަމަށް ގާބިލް ބޭފުޅުންގެ އިރުޝާދާއި ލަފާ، އެންމެ ފުޅާ ދާއިރާގައި ހޯދުމުގެ މާތް ނިޔަތުގައި، އައްޑޫ ސިޓީ ކައުންސިލަށް ލަފާދޭނެ 10 ކޮމިޓީއެއް އުފެއްދުމަށް ނިންމަވާފައި ވަނީ، އައްޑޫސިޓީ ކައުންސިލްގެ 2012 ވަނަ އަހަރުގެ 32 ވަނަ ބައްދަލުވުމުގަ އެވެ.
"ތާރީޚް ދިރާސާކުރާ ކޮމިޓީ" އާއި "ސްޕޯޓްސް ކައުންސިލް" ގައި ބައިވެރިވެގެން އައްޑޫގެ ކުރިއެރުމަށް މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވާ ބޭފުޅުން އެ ބޭފުޅުން ޝައުގުވެރިވެ ވަޑައިގަންނަވާ ދާއިރާ އެނގޭ ގޮތަށް، އެ ބޭފުޅެއްގެ ވަނަވަރާ އެކު، މެއި މަހުގެ 9 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އަށް ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާ ކަމަށް ކައުންސިލުން ބުންޏެވެ.