ރައީސް އަބްދުﷲ ޔާމީންގެ ފިކުރު މިގައުމުން ދެން ނައްތާނުލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
"މަމެން ރައީސް ޔާމީންއާއިއެކު" ނަމުގައި ރޭ ތ. ވޭމަންޑޫގައި ބޭއްވި ޖަލްސާގައި ސައިދު ވިދާޅުވީ ރައީސް ޔާމީންގެ ފިކުރަށް މިގައުމުން މަރުހަބާ ކިޔައިފިކަމަށާއި، ދެން ރާއްޖޭގައި ހިނގާނީ ރައީސް ޔާމީންގެ ފިކުރު ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ އަނބިކަބަލުން މެޑަމް ފާޠިމަތު އިބްރާހިމް ބައިވެރިވަޑައިގެންނެވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ސައީދު ވިދާޅުވީ، ރާއްޖޭން މިހާރު ފެންނަނީ އެންމެނާއި މެދު ހަމަހަމަ އުސޫލުން ކަންތައް ކުރައްވަމުންގެންދާ މަންޒަރު ކަމަށެވެ.
"ގާތަސް ދުރަސް ކުޑަޔަސް ބޮޑަސް، ގާނޫނުއަސާސީގެ ކުރިމަތީގައި ގާނޫނުތަކުގެ ކުރިމަތީގައި އެންމެން ވާނީ ހަމަހަމައޭ. ހަމަހަމަ އިންސާފުވެރި ކަމެއް އެ މަނިކުފާނު ކުރައްވަމުން އެ ގެންދަވަނީ،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ 2013ގެ އިންތިހާބަށް ފަހު ގައުމު ނާޒުކުރު ދަނޑިވަޅެއްގައި އޮތްވާ ނަގައި ކޮޅަށް ޖެހީ ޔާމީންގެ ދުރު ވިސްނުން ފުޅާއި އެެކު ކަމަށާއި، އެމަނިކުފާން ގެންނަވާ ތަރައްޤީ ފެންނަ ހިދުވެސް އިދިކޮޅު ފަރާތްތަކުން ގަބޫލް ނުކޮށް، އަޑު ނީވޭކަމަށް ހެދިގެން ތިބެނީ ކަމަށެވެ.
ސައީދު ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބް ފަސޭހަ ކަމަށާއި އެކު ރައީސް ޔާމީން ކާމިޔާބް ކުރައްވާނެކަމަށެވެ.