Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ބީއެމްއެލްގެ އެންމެ ރަނގަޅު މުވައްޒަފަކަށް މޫސާ މުޙައްމަދު

ބީއެމްއެލް ސްޓާފް އެވޯޑް ހަފްލާގެ ތެރެއިން – ފޮޓޯ: ބޭންކް އޮފް މޯލްޑިވްސް

2017 ވަނަ އަހަރުގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެންމެ ރަނގަޅު މުވައްޒަފަކަށް ހޮވިފައި ވަނީ ޕްރޮޕަޓީސް ޔުނިޓްގެ މޫސާ މުޙައްމަދު އެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ބީއެމްއެލްގެ އަހަރީ އެވޯޑު ދިނުމުގެ ހަފްލާގައި މުވައްޒަފުންނަށް އެވޯޑްތައް ހަވާލުކޮށްދީފައިވަނީ ބޭންކްގެ ސީއީއޯ އެންޑްރޫ ހީލީ އާއި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނާޢި އެގްޒެކްޓިވް ކޮމިޓީގެ މެމްބަރުންނެވެ.

އެގޮތުން ރޭގެ ހަފްލާގައި މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ޚިދުމަތްކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން 17 އެވޯޑެއް ދީފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އޭގެ ތެރޭގައި އެމްޕްލޯއީ އޮފް ދަ އިޔަރ، ބެސްޓް ލީޑަރ، ބެސްޓް މެނޭޖަރު، ބެސްޓް ޑިވިޝަން ސްޓާފް އެވޯޑް ހިމެނެއެވެ.

ބީއެމްއެލްގެ އެމްޕްލޯއީ އޮފް ދަ އިޔާ އެވޯޑް ޕްރޮޕަޓީސް ޔުނިޓްގެ މޫސާ މުހައްމަދަށް ލިބުނުއިރު ބެސްޓް ލީޑަރު އެވޯޑް ހޯދާފައިވަނީ އިންފޮމޭޝަން ޓެކްނޮލޮޖީ ހުޝާމް ސައީދެވެ. ސީއީއޯ އެވޯޑް ފޯ އައުޓް ސްޓޭންޑިންގ އެޗީވްމަންޓް ހޯދާފައިވަނީ މޫސާ މުންސިފް މުހައްމަދު އަދި ކްރެޑިޓް ޑިވިޝަނެވެ. އެކްސެޕްޝަނަލް ކޮންޓްރިބިއުޝަން އެވޯޑް ހޯދާފައިވަނީ ސަހާ ވަހީދެވެ.

ރޭގެ ހަފްލާގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ބޭންކްގެ މުވައްޒަފުންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް އަދި ފަޚުރެއް ކަމަށެވެ.

ބީއެމްއެލް އަކީ ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓް އިން ދޭ "އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" މިދިޔަ އަހަރު ހޯދާފައިވާ ކުންފުންޏެކެވެ.