Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ތިން ފަނޑިޔާރުން އަބުރުވެރިކަމާއި އެކު ގެއަށް ވަޑައިގަންނަވާ: ދިޔާނާ

ކުރީގެ ބަންޑާރަނައިބް ދިޔާނާ ސައީދު - ފޮޓޯ: ވީނިއުސް

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ހަނު ތިއްބެވުމުގެ ބަދަލުގައި އަބުރުވެރިކަމާއެކު ގެޔަށް ވަޑައިގަތުމަށް ކުރީގެ ބަނޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

ދިޔާނާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

https://twitter.com/dhiyanasaid/status/990122687073738753

އެ ޓްވީޓްގައި ދިޔާނާ ވިދާޅުވެފައި ވަނީ ޤާނޫނުގައި ބަޔާންކުރާ އިޖުރާއަތްތަކާއި ޚިލާފަށް ފަނޑިޔާރުން ހައްޔަރުކޮށް އެންޓި-ޓޯޯޗާ ޤާނޫނާއި ޚިލާފަށް އެކަހެރިކޮށް ބަންދުކޮށް ފަސާދައިގެ ސުވާލު މަތިވާގޮތަށް ޝަރީޢަތް ހިންގާ ޤާނޫނުގެ ބާރު އުވިދާއިރު، ސުޕްރީމް ކޯޓްގެ ތިން ފަނޑިޔާރުން ހަނު ތިއްބެވުމުގެ ބަދަލުގައި ގެއަށް ވަޑައިގަތުން އަބުރުވެރި ކަމަށެވެ.

ދިޔާނާ ވަނީ މީގެ ކުރިންވެސް ސިޔާސީ ލީޑަރުންނާއި ފަނޑިޔާރުންގެ މައްޗަށް ހިންގަމުންގެންދާ ޝަރީއަތްތަކަކީ އިޖުރާއަތްތަކާއި ޤާނޫނާއި ޚިލާފު ޝަރީއަތްތަކެއް ކަން ފާހަގަކުރައްވައި އެކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އެގޮތުން މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ދިޔާނާ ވިދާޅުވީ ޤާނޫނުގައި ބުނާ ސާފު އިޖުރާއަތާ ޚިލާފަށް އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓްގެ އިތުރު ފަނޑިޔާރަކު ސަރުކާރުން ހައްޔަރުކޮށް ރަހީނުކޮށްފައިވާއިރު، ސުޕްރީމް ކޯޓް މަންމަނުވެފައި އޮތުމަކީ ލަދުވެތިކަމެއް ކަމަށެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއައި ރިޝްވަތުގައި ހިފުމުގެ ދައުވާއާއި، އަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ކުރަމުންދާ އިރު، އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދަނީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ވެސް ކުރަމުންނެވެ.

ޓެރަރިޒަމުގެ ދައުވާއާއި ގުޅިގެން ދެ ބޭފުޅުން ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

އުއްތަމަ ފަނޑިޔާރުގެ ޤާނޫނީ ވަކީލުން ވަނީ އެމަނިކުފާނާ މެދު އަމަލު ކުރަމުންދަނީ ޤާނޫނާ ހިލާފަށް ކަމަސް ބުނެ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ވެސް ނެރެފައެވެ.