ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ތ. ތިމަރަފުށްޓަށް ވަޑައިގެންފިއެވެ.
މެޑަމް ފާތުން މިއަދު އެރަށަށް ވަޑައިގެންނެވުމުން އެކަމަނާއަށް އެ ރަށުގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ވަނީ ބަނދަރު ސަރަހައްދަށް އެއްވެއް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
"އެންމެ ގާތުން" ކެމްޕޭންގެ ދަށުން ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި އެކަމަނާ ވަނީ އެރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނާއި، އަންހެނުންނާއި އިސްރަށްވެހިންނާއި އެކި މުއައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުންތަކުގައި އެފަރާތްތަކަށް ދިމާވާ ދަތިތައް އޮޅުން ފިލުއްވައި، ސަރުކާރުގެ ކަމާގުޅުންހުރި މުއައްސަސާތައް މެދުވެރިކޮށް އެކަންކަން ޙައްލު ކުރެވޭނެ ގޮތްތަކާމެދު އެކަމަނާވަނީ މަޝްވަރާ ކުރައްވާފައެވެ.
މިދަތުރުފުޅުގައި އެކަމަނާ ދެންވަޑައިގަންނަވާނީ ކިނބިދުއާއި ހިރިލަންދުއަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެކަމަނާ ކޮޅުމަޑުލަށް ފެށްޓެވި ދަތުރުފުޅުގައި މިހާތަނަށް ވިލިފުއްޓާއި މަޑިފުށްޓާއި ގުރައިދުއާއި ގާދިއްފުށްޓާއި ދިޔަމިގިއްޔާއި ވޭމަންޑޫއަށް ވަޑައިގެންފައިވެއެވެ.
މިދަތުރުފުޅުގައި އެކމާގެ އަރިހުގައި ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހިގެ ކޮޅުމަޑުލުގެ ބައެއް ދާއިރާތައް ތަމްސީލްކުރައްވާ މެމްބަރުންނާއި އެހެނިހެން ދާއިރާތަކުގެ ބައެއް މެންބަރުންވެސް ބައިވެރިވެއެވެ.