Last Updated: June 12, 02:23
Friday, June 12, 2026
ޚަބަރު

"ދީން ހިމާޔަތްކުރާ މީހން މުންކަރާތް ދިފާއުކުރާނެބާ؟"

މި ސަރުކާރަކީ އިސްލާމް ދީން ހިމާޔަތް ކުރާ ސަރުކާރެއް ނަމަ، ސަރުކާރުގެ އެކި ގޮފިތަކުން ހިންގާ މުންކަރާތްތަކުގެ ޒިންމާ ނަގާނީ ކޮން ބައެއްތޯ ޝެއިޚް އަލީ ޒައިދު ސުވާލުކޮށްފިއެވެ.

ދީނީ އިލްމުވެރިޔާ، ޝެއިޚް އަލީ ޒައިދު ކުރެއްވި ޓުވީޓެއްގައި ސަރުކާރަށް ބޮޑު ސުވާލެއް އަމާޒުކޮށްފައި މިވަނީ، ސަރުކާރުގެ އިސް ބޭފުޅުން ރައީސް އަބްދުﷲ ޔާމީންގެ އެންމެ ބޮޑު މަޝްރޫއުއަކީ އިސްލާމް ދީން ހިމާޔަތް ކުރުން ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން ސަރުކާރުގެ ބައެއް އިސް ފަރާތްތަކުންނާއި ސަރުކާރު ކޯލިޝަނުގެ މަޖިލިސް މެމްބަރުން ވަނީ ރައީސް ޔާމީނަށް ތާއީދު ކުރުމާއި، ޕީޕީއެމް ހަރަކާތްތަކުގައި ބައިވެރިވުމާއި ޔާމީނަށް އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމަކީ ދީނީ ވާޖިބެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކާފައެވެ.

އިލްމުވެރިން އެކި ފަހަރު މަތިން މިފަދަ ވާހަކަތަކުން ބަރީއަ ވުމަށް ސިޔާސީ ފަރާތްތަކަށް އިލްތިމާސް ކުރި ނަމަވެސް ބައެއް ސިޔާސީ ލީޑަރުންގެ ވާހަކަތައް އެފަދަ މިސްރާބަކަށް ދަތުރުކުރާކަން ފާހަގަކޮށްލެވެއެވެ.

އަދި އިދިކޮޅު ފަރާތްތަކުން ވަނީ ދީން އައްޑަނައަކަށް ހަދައިގެން ކެމްޕޭން ނުކުރުމަށް ވެސް ސަރުކާރު ތަމްސީލު ކުރައްވާ ފަރާތްތަކަށް ގޮވާލާފައެވެ. އިދިކޮޅުން ވެސް ކުރަނީ މިއަދު ޝެއިޚް އަލީ ޒައިދު ކުރެއްވި ސުވާލެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން އެ ސުވާލަކަށް އަދި މިހާތަނަށް ޖަވާބެއް އަރުވާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.