Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

އަންނިގެ ކެމްޕޭން މެނޭޖަރަކަށް އަސްލަމް

އަންނަ ރިޔާސީ އިންތުހާބުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކެންޑިޑޭޓަކު ނެރުމަށް ބާއްވާ ޕާޓީ ޕްރައިމަރީގައި އެމްޑީޕީގެ ކެންޑިޑޭޓަކަށް ކުރިމަތިލައްވާނެކަމަށާއި ކެމްޕެއިން މެނޭޖަރަކީ ހިތަދޫ އުތުރު ދާއިރާގެ މަޖްލިސް މެމްބަރު މުހައްމަދު އަަސްލަމް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެއެވެ.

އަންނި މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިދިކޮޅު ކެންޑިޑޭޓަކަށް ނެރޭނެ ކެންޑީޑޭޓަކު ނިންމާނީ އެޕާޓީތަކުގެ ޕްރައިމަރީއަކުން ކަމަށެވެ.

ނަޝީދު މިފަދައިން ޓްވީޓު ކުރެއްވި އިރު ހުކުރު ދުވަހުގެ ރޭ އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓަކު ހުންނާނެކަމަށާއި، އެ ކެންޑިޑޭޓަށް ވޯޓު ދެއްވުމަށް ތައްޔާރުވެ ތިއްބެވުމަށެވެ.

އަންނަ ސެޕްޓެމްބަރ މަހު ރިޔާސީ އިންތިހާބް ބާއްވަން އިލެކްޝަނުން ނިންމާފައިވާ އިރު ރައީސް ނަޝީދު ގެންދަވަނީ 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ޓެރަރިޒަމް ދައުވާ ސާބިތުވެ ނަޝީދުގެ މައްޗަށް ހުކުމް ކޮށްފައިވާ އިރު ސަރުކާރުން ތަކުރާރުކޮށް ބުނެފައިވަނީ ރާއްޖޭގެ ގާނޫނު އޮތް ގޮތުން ނަޝީދަށް ރިޔާސީ އިންތިހާބްގައި ވާދަ ކުރުމުގެ ފުރުސަތު ނެތް ކަމަށެވެ.

ނަމަވެސް އިއްޔެ ނަޝީދު ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ފަހުވަގުތު ލިބިވަޑައިގަންނަވާނެ ކަމަށެވެ.