Last Updated: June 13, 21:28
Saturday, June 13, 2026
ކުޅިވަރު

ހިތަދޫ މިއަދު ކުޑަހުވަދުއާ ދެކޮޅަށް ނިކުންނަނީ

ހިތަދޫ ޓީމް މެޗަށް ފަހު ސަޕޯޓަރުންނާއި އެކު

މިނިވަން ޗެމްޕިއަންޝިޕް ފައިނަލް ބުރުގައި މިއަދު ހަވީރު ހިތަދޫ އެފްސީ، ކުޑަހުވަދޫ އާއި ދެކޮޅަށް ނިކުންނަ މެޗަކީ، މޮޅުވާން ކޮންމެހެން މުހިއްމު މެޗެއްކަމަށް ހިތަދޫ ޓީމުގެ މެނޭޖަރ ބުނެފިއެވެ.

ފ. ނިލަންދޫގައި ހުރެ "އައްޑޫލައިވް"އަށް ދިން އިންޓަވިއުއެއްގައި ޓީމުގެ މެނޭޖަރ މުހައްމަދު އަލްޠާފް (އަލްޓީ) ބުނީ މިއަދު ކުޅޭ ކުޑަހުވަދޫ މެޗާއި، ތިމަރަފުށީ މެޗަކީ ކޮންމެހެން މޮޅުވާން މަޖްބޫރު ދެ މެޗް ކަމަށެވެ.

އަލްޓީ ބުނީ ގްރޫޕްގެ ނަތީޖާއަށް ބަލާއިިރު ހޯޑެއްދޫ ފިޔަވައި ހުރިހާ ޓީމްތަކަށްވެސް ފުރުސަތު ބޮޑުކަމަށެވެ. އެހެންވެ ހިތަދޫ ޓީމް މިއަދު ނިކުންނާނީ ކޮންމެ ގޮތެއް ހަދައިގެންވެސް 3 ޕޮއިންޓް ހޯދުމަށްކަމަށެވެ.

މުބާރާތުގައި ގްރޫޕް ބީގެ ތާވަލަށް ބަލާއިރު މިވަގުތު އިތުރު އެއް މެޗު ކުޅެގެން ތިމަރަފުށި 6 ޕޮއިންޓާއި އެކު ގްރޫޕް 1 ވަނާގައި އޮތް އިރު 3 މެޗުން 5 ޕޮއިންޓް ހޯދައިގެން މުބަރާތް ބާއްވާ ނިލަންދޫ އޮތީ ދެވަނާގައެވެ. ހިތަދޫ ޓީމް އޮތީ ކުޅުނު ދެ މެޗްގެ ތެރެއިން ނިލަންދޫ އާއި 1-1 ވަރުކޮށް، ހޯޑެއްދޫ ބަލިކޮށް ހަތަރު ޕޮއިންޓާއި އެކު ގްރޫޕް 3 ވަނާގައެވެ.

އަލްޓީ ބުނީ ޓީމްގެ އިންޖަރީގެ މައްސަލައެއް ނެތްކަމަށާއި، ނަމަވެސް މުހިއްމު ތިން ކުޅުންތެރިއަކަށް އަދިވެސް ޓީމާ ނުގުޅެވޭ ކަމަށެވެ. ނަމަވެސް އޯވަރޯލްކޮށް ޓީމް ރަނގަޅު ފައިޓެއް ދޭނެކަމަށެވެ.

މުބާރާތުގައި މިހާތަނަށް ހިތަދޫ ޓީމްގެ ބިދޭސީ 3 ކުޅުންތެރިންގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެންނައިރު އެޓީމާއި އަލަށް ގުޅުނު އާދަމް ޝަހީމް (އާނާ)ގެ މޮޅު ކުޅުމެއް ދަނީ ފެންނަމުންނެވެ.

މީގެ އިތުރުންވެސް ހިތަދޫ ޓީމުގައި ގައުމީ ޓީމްގެ ކުރީގެ ކުޅުންތެރިޔާ އަހުމަދު ސައީދު (އައްމަޓީ) އާއި ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފޭދޫ ކާލޯސްގެ އިތުރުން ކޭޑީ، ލޮޖާ އަދި މަންނޫ އަދި މޫސާ ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިއަދުގެ މެޗުވެސް މިނިވަން ޗެމްޕިއަންޝިޕް ޒޯން 5 ގެ ފޭސްބުކް ޕޭޖުން ވަގުތުން ދުރައް ދައްކާނެއެވެ.

ހިތަދޫ ޓީމަށް ސަޕޯޓް ދިނުމަށް މިއަދުވެސް ވޮއްމުލީގައި ވަޒީފާ އަދާ ކުރާ އައްޑޫ ސަޕޯޓަރުން ދާނެއެވެ.