މިއަހަރުގެ ރަމަޟާންމަހު ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 10:00 ން މެންދުރުފަހު 2:00 އަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފިއެވެ. އަދި، މިއަހަރުގެ ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑިއަކީވެސް ހެނދުނު 10:00 ން މެންދުރުފަހު 2:00 އަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
މީގެއިތުރުން، ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ މޭ 16 ވާ ބުދަ ދުވަސްކަމަށް ވެއްޖެނަމަ، މޭ 17 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.
މިގޮތަށް މިއަހަރުގެ ރަމަޟާންމަހުގެ ރަސްމީގަޑި ހަމަޖެއްސެވުމާ ގުޅިގެން، ރަސްމީގަޑިއަށް ފައްތަވައިގެން މަސައްކަތްތައް ރޭއްވެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
މިކަން ހާމަކުރައްވާފައިވަނީ، ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖައްސަވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައެވެ.