Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ވަޒީރުންގެ އިންޝުއަރެންސަށް 24،000ރ.

ރައީސް ޔާމީނައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެމްބަރުން

ރައީސް އަބުދުﷲ ޔާމީންގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ސިއްހީ އިންޝުއަރެންސް 19000 ރުފިޔާއިން 24000 ރުފިޔާއަށް ބޮޑު ކުރަން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ވަޒީރުންގެ ހެލްތު އިންޝުއަރެންސްގެ އަހަރީ ޕްރިމިއަމަށް ދައުލަތުން ދޭ އަދަދު މުރާޖައާ ކޮށްދެއްވުމަށް އެދި މަޖިލީހަށް ހުށަހެޅުއްވީ ރައީސް އަބްދުﷲ ޔާމީނެވެ.

އަދި މި މައްސަލަ ދިރާސާ ކުރި މާލިއްޔަތު ކޮމިޓީން ނިންމާފައި ވަނީ ވަޒީރުންނަށް ދޭ ހެލްތު އިންޝުއަރެންސް ޕްރިމިއަމް ބޮޑު ކުރަން ފެންނަ ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެގޮތަށް ފާސްކޮށްފައިވަނީ ޖަލްސާއަށް ހާޒިރުވި 36 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ވަޒީރުންގެ ސިއްހީ އިންޝުއަރެންސް ޕެކޭޖު ބޮޑުކޮށްފައި މިވަނީ ކުރިން އެ ޚިދުމަތް ދެމުން ގެންދިޔަ އަގުގައި ހިދުމަތް ދިނުމަށް މިހާރު ދަތިތަކެއް ހުރި ކަމަށް ބުނެއެވެ.

މީގެ އިތުރުން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރުންގެ ސިއްހީ އިންޝުއަރެންސް އެހެން މުއައްސަސާތަކުގެ މެންބަރުންނެކޭ އެއްފަދައިން ދިނުމަށް ފެންނަ ކަމަށް ވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.