ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ 12 ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް 14 މިލިއަން ރުފިޔާ ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅައިފި އެވެ.
ބައި އިލެކްޝަންތައް ބޭއްވުމަށް މިދިޔަ އަހަރު ފާސް ކުރި ސަޕްލިމެންޓަރީ ބަޖެޓުގައި 26 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. ނަމަވެސް މިދިޔަ އަހަރު އެ އިންތިހާބު ބާއްވާފައެއް ނުވެއެވެ.
އީސީގެ މެމްބަރު އަހްމަދު އަކްރަމް އާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓްކުރާ ގޮތުގައި ބައި އިލެކްޝަން ބޭއްވުމުގެ އިދާރީ ތައްޔާރީތައް އެ ކޮމިޝަނުން ފަށާފައިވާ ކަމަށާއި ފައިސާ ހަމަޖެހުމާ އެކު ބައި އިލެކްޝަންސްތައް ކުރިއަށް ގެންދާނެ އެވެ.
ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންނަކީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހު އަދި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނެވެ.
އެ މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވަނީ އެ މެންބަރުން އިދިކޮޅު ފަރާތްތަކާއި ގުޅުމުންނެވެ.
މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓްގެ ފަސް ފަނޑިޔާރުންގެ އިއްތިފާޤުން ނެރުނު އަމުރުގައި ބުނެފައި ވަނީ އެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ.
އެހެންނަމަވެސް ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރި ފަހުން ސުޕްރީމް ކޯޓްގެ ބެންޗުގައި ދެން ތިއްބެވި ތިން ފަނޑިޔާރުން ނެރުއްވި އަމުރަކުން ފެބްރުއަރީ އެކެއްގެ އަމުރު ވަނީ ބާތިލުކޮށްފައެވެ.
އަދި އޭގެފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ އެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ޤާނޫނު ވެސް ފާސްކޮށްފައެވެ. އެ ޤާނޫނު ބާތިލު ނޫން ކަމަށް މިހާރު ސްޕްރީމް ކޯޓުން ވެސް ވަނީ ކަނޑައަޅާފައެވެ.
އެހެންނަމަވެސް، ގޮނޑި ގެއްލުވައިލީ ޤާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފަށް ކަމަށް މި މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.