Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ބިޒްނަސް ސްކޫލްގެ ޑީންއަކަށް ޢަބްދުއްރަޙްމާން

މިއަދު އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް (މުހައްމަދު އާދަމް)

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ބިޒްނަސް ސްކޫލްގެ ޑީންގެ މަޤާމަށް ޢަބްދުއްރަޙްމާން މުބާރިކް ހަމަޖައްސައިފިއެވެ.

އޭނާއަށް މަޤާމުގެ ލިޔުން ހަވާލުކުރީ މިއަދު އެމްއެންޔޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒް ޝަރީފް ވިދާޅުވީ ޢަބްދުއްރަޙްމާން މުބާރިކް މަޤާމާއި ހަވާލުވުމާއިއެކު ޓެކްނޮލޮޖީއާއި އާ އީޖާދުތައް ބޭނުންކުރާ މިންވަރު އިތުރުވެގެން ދާނެކަމަށް އުއްމީދުކުރެވޭ ކަމަށާއި ކުރިއަށް އޮތް 4 އަހަރު ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލްގައި ކިޔަވާ ދަރިވަރުންނަށް ފަހި ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޢަބްދުއްރަޙްމާން މުބާރިކް ވިދާޅުވީ އެމްއެންޔޫއަކީ އަމިއްލަ ގިނަ ތަޢުލީމީ މުއައްސަސާތަކާއި ވާދަކުރަންޖެހޭ ތަނެއް ކަމަށާއި އެމްއެންޔޫ ބިޒްނަސް ސްކޫލް ކުރިއެރުވުމަށް ދިރާސާކުރުމާއި މާރކެޓު ކުރުމުގެ އިތުރުން ގިނަ ކަންކަން ކުރާނެ ކަމަށެވެ.

ޢަބްދުލްރަޙްމާން މުބާރިކަކީ 2003 ވަނަ އަހަރުން ފެށިގެން އެމްއެންޔޫގައި މަސައްކަތް ކުރަމުންދާ ބޭފުޅެކެވެ. މިގޮތުން މުބާރަކު ވަނީ ޔުނިވަރސިޓީގެ ކައުންސިލް މެންބަރެއްގެ ގޮތުގައާއި ބިޒްނަސް ސްކޫލްގެ މާރކެޓިންގ ޑިޕާރޓްމަންޓްގެ އިސްވެރިޔާގެ މަޤާމުގާމާއި ބިޒްނަސް ސްކޫލްގެ އެކްޓިންގ ޑީންގެ މަޤާމް ފުރުއްވާފައެވެ.