Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

މަޖިލިސް މަސް ދުވަހުގެ ޗުއްޓީއަކަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމާލުމަށްފަހު މެމްބަރުން މިއަދު އެއްމަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގެންފި އެވެ.

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމާލުމަށްފަހު މެމްބަރުން ޗުއްޓީއަށް ވަޑައިގެންނެވި ނަމަވެސް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް، މެމްބަރުން ޗުއްޓީއަށް ވަޑައިގެންނެވިކަން އިއުލާންކުރައްވާފައެއް ނުވެ އެވެ.

އެހެންނަމަވެސް ވެރިކަންކުރާ ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ މިދައުރުގެ ފަހު ޖަލްސާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ފެށިފައިވަނިކޮށް ދައުރުން ބޭރުގައި ބޭއްވި ކަމަށް ބުނާ ދެ ޖަލްސާ ހިމަނައިގެން މި ދައުރުގައި ބޭއްވީ ޖުމްލަ 13 ޖަލްސާ އެވެ. މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގެ ކުރިން، އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައިވަނީ މިދިޔަ މާޗު މަހުގެ 14 ވަނަ ދުވަހު އެވެ.

މެމްބަރުން އެއްމަސް ދުވަހުގެ ޗުއްޓީއަކަށް މިއަދު ވަޑައިގެންފައިވާއިރު މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ބިލާއި، ހެއްކާ ބެހޭ ބިލާއި، ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅާފައި ވީނަމަވެސް، މިބިލްތަކާ މެދު މަޖިލީހުން އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާތައް ފަށާފައިވާއިރު މަޖިލިސް ހިންގަމުން ގެންދަނީ ޤާނޫނު އަސާސީއާ ގާނޫނުތަކާ ޚިލާފަށް ކަމަށް ބުނެ ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން މަޖިލީހުގެ މިދައުރުގެ އެއްވެސް ޖަލްސާއެއްގައި ބައިވެރިވެފައެއް ނުވެ އެވެ.

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތަކުގައި ވަނީ އެންޓި ޑިފެކްޝަން ބިލާއި، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކޮށް، ބައެއް މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަންކުރަން ރުހުން ދީފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މުސާރައާއި ކޮމިޓީ އެލަވަންސްގެ ގޮތުގައި މަހަކު 82،500 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ.