ނަސަންދުރަ ޕެލަސް މައްސަލާގައި އަދީބު ދައުލަތަށް ދައްކަން ޖެހޭކަމަށް ކުރިން ފިނޭންސް މިނިސްޓްރީން އެންގި 74 މިލިއަން ރުފިޔާ މިހާރު ދައްކަން ނުޖެހޭކަމަށް ފިނޭންސް މިނިސްޓްރީން އަދީބަށް އަންގައިފިއެވެ.
އަދީބު ފައިސާ ދައްކަން ނުޖެހޭކަމަށް ފިނޭންސް މިނިސްޓްރީން އަލުން އަންގާފައިވަނީ އެމައްސަލަ އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ) މުރާޖައާ ކުރަމުންދާތީއެވެ.
ނަސަންދުރަ މައްސަލާގައި ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ސޮއި ކުރައްވައި މިދިޔަ މާޗު މަހުގެ 28 ވަނަ ދުވަހު ފޮނުއްވި ސިޓީގައި އަންގާފައިވަނީ ނަސަންދުރާ ޕެލެސް ހޮޓަލް ހިންގުމަށް 2010 ވަނަ އަހަރު ގެލަކާސީ އެންޓަޕްރައިޒަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑާއެކުވެފައިވާ އެއްބައްވުމުގެ މުއްދަތު އިތުރު ކުރުމުގެ ބަދަލުގައި އެ އެއްބަސްވުން އުވާލައި، މުއްދަތު އިތުރު ކުރުމަށް ފީއެއް ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުހޯދާ އެ އެއްބަސްވުމުގައި ލީސް ހޯލްޑް ރައިޓްސް ގަނެފައިވާ އެންޕީއެޗް އިންވެސްޓްމަންޓް އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް އަލުން 50 އަހަރުގެ އެއްބަސްވުމަކަށް ގޮސްފައިވާތީ 74،016،000 ރުފިޔާ ދައުލަތަށް ގެއްލުންވެފައިވާތީއެވެ.
އަދީބަށް ފިނޭންސް މިނިސްޓްރީން އަންގާފައިވަނީ އެފައިސާ ސިޓީ ލިބޭތާ 7 ދުވަހުގެ ތެރޭގައި ނުދައްކައިފި ނަމަ ޕީޖީ އޮފީހަށް މައްސަލަ ހުށައަޅާނޭ ކަމަށެވެ.
ނަސަންދުރާ ޕެލަސް ހޮޓަލް ހުރި ބިން އެއްވެސް އަގެއް ނެގުމަކާ ނުލައި ކުއްޔަށް ދީފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ އާއިލީ ބޭފުޅެއްގެ މަސްލަހަތު އޮންނަ ކުންފުންޏަކަށެވެ