Last Updated: June 12, 02:23
Friday, June 12, 2026
ކުޅިވަރު

ބާސާ ލީގު ކަށަވަރުކޮށްފި

getty images

ސްޕެނިޝް ލީގުގެ އެއްވަނައިގައި އެއްވެސް މެޗަކުން ބަލިނުވެ އޮވެ، ބާސާ ޗެމްޕިއަންކަން ހޯދައިފިއެވެ.

ރޭ ޑިޕޯޓިވޯއާ ދެކޮޅަށް ބާސާ ކުޅުނު މެޗު 2-4 އިން ކާމިޔާބުކޮށް ލިބުނު ތިން ޕޮއިންޓާއެކު ވަނީ ލީގު ކަށަވަރުވެފައެވެ. ނަމަވެސް އަދި ލީގުގައި ބާސާ ހަތަރު މެޗު ކުޅެން އެބަ އޮތެވެ. އޭގެ ތެރޭގައި ރެއަލް މެޑްރިޑާ ދެކޮޅަށް ކުޅޭ އެލް ކްލެސިކޯ ވެސް ހިމެނެއެވެ.

މެޗުގެ ހަތް ވަނަ މިނެޓުގައި ކުޓީނިއޯ ބާސާއަށް ލީޑު ނަގާދިންއިރު މެސީ ވަނީ 38 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްފައެވެ. ނަމަވެސް ޑިޕޯޓިވޯއިން ވަނީ ދެ މިނެޓު ފަހުން ލަނޑެއް ޖަހާފައެވެ.

ބާސާއަށް ހާސްކަން ކުރިމަތިވީ މެޗުގެ 64 ވަނަ މިނެޓުގައި ޑިޕޯޓިވޯއިން ނަތީޖާ އެއްވަރުކުރުމުންނެވެ. ނަމަވެސް މެޗުގެ ފަހުކޮޅު މެސީ ކާމިޔާބުކުރި އިތުރު ދެ ލަނޑާއެކު ވަލްވާޑޭގެ ޓީމަށް ވަނީ ލީގު ކަށަވަރުވެފައެވެ.

މެސީގެ މި ހެޓްރިކާއެކު އޭނާ ވަނީ ލަލީގާ ތާރީޚުގައި ހަތް ސީޒަނުގައި 30 ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ލަގަބު ހޯދާފައެވެ.