Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

ދެ ފަނޑިޔާރާއި ފާރިސްގެ ޓެރަރިޒަމް ޝަރީއަތް މިއަދު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު: ފޮޓޯ، އަވަސް

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ދިއްގަރު ދާއިރާގެ މެމްބަރ އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ ޝަރީއަތް މިއަދަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.

ސުޕުރީމް ކޯޓުން ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު ކޯޓު އަމުރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއްލާންކޮށް އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައިވަނީ ސަލާމަތީ ބާރުތަކުން ސުޕުރީމް ކޯޓު ވަށާލައި، އެކޯޓުގެ ފުރާޅުން ޓިނު ނައްޓައިގެން ވަދެއެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު އަދި ފާރިސްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ މިއަދު އޮންނާނީ އިބްތިދާއީ އަޑުއެހުމެކެވެ.

މީގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫންގެ މައްޗަށް އުފުލާފައިވަ ޓެރަރިޒަމް ދައުވާގެ ފުރަތަމަ އަޑުއެހުން އިއްޔެ ވަނީ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައެވެ.