އިނގިރޭސި ޕްރިމިއާ ލީގުގައި، މިސީޒަނުގައި ދެވަނަ ފަހަރަށް މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.
އާސެނަލް ދަނޑުގައި ސީޒަނުގެ ކުރީކޮޅު ކުޅުނު މެޗު 1-3 އިން ޔުނައިޓެޑު ކާމިޔާބުކުރުމަށް ފަހު، ރޭގެ މެޗަށް އާސެނަލްއިން ނެރެފައިވަނީ ވަރަށް ޒުވާން ޓީމެކެވެ. ކުރިއަށް އޮތް އެތްލެޓިކޯ މެޑްރިޑް މެޗަށް ތައްޔާރުވުމުގެ ގޮތުން ވެންގާ ވަނީ ސީނިއާ ޓީމުގެ ގިނަ ކުޅުންތެރިންނަށް އަރާމު ކުރުމަށް ފުރުސަތު ދީފައެވެ.
މެޗުގެ ފުރަތަމަ ހާފު ޔުނައިޓެޑުން މޮޅަށް ކުޅެފައިވާއިރު 16 ވަނަ މިނެޓުގައި ޕޮގްބާގެ ގޯލަކުން ޔުނައިޓެޑު ވަނީ ލީޑު ނަގާފައެވެ. އިތުރު ހަމަލާތައް އުފެއްދުމަށް މޮރީނިއޯގެ ޓީމުން މަސައްކަތް ކުރި ނަމަވެސް އާސެނަލް ޑިފެންސް ލައިނުގައި ތިބި ޒުވާން ކުޅުންތެރިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.
މެޗުގައި އާސެނަލްގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ޖަހާފައިވަނީ މެންޗެސްޓާ ޔުނައިޓެޑުން މިސީޒަނުގައި އާސެނަލްއަށް ބަދަލުވި ހެންރިކް މިޚިތަރިޔާން އެވެ. އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް މެޗުގައި ފެނިގެން ގޮސްފައިވެއެވެ.
ޔުނައިޓެޑުން މެޗުގެ ލީޑު ދެވަނަ ފަހަރަށް ނެގީ މެޗުގެ އެންމެ ފަހު ވަގުތުކޮޅު، ފެލައިނީ ބޮލުން ކާމިޔާބުކުރި ގޯލަކާ އެކުގައެވެ.
މިމެޗުގެ ކުރިން މެންޗެސްޓާ ޔުނައިޓެޑުން ވަނީ އާސެން ވެންގާ އާސެނަލްގައި ހޭދަކުރި އަހަރުތަކަށް ޚާއްސަ އެވޯޑެއް އަރުވާފައެވެ. މި އެވޯޑު ވެންގާއަށް އަރުވާފައިވަނީ ޔުނައިޓެޑުގެ ކުރީގެ ކޯޗު، ސާ އެލެކްސް ފާގަސަން އަދި ޖޯސޭ މޮރީނިއޯއެވެ.