ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީ ކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތާއި އެކު ދިރާގުގެ ހައިސްޕީޑް ފައިބަ ބްރޯޑްބޭންޑްގެ ހިދުމަތް އައްޑޫ ސިޓީއަށް ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ.
މި ދެ ހިދުމަތް ތައާރަފްކުރުމުގެ ގޮތުން އިއްޔެ ދިރާގުން ވަނީ ކުލަގަދަ ހަފްލާއެއް ހިތަދޫ ސްކޫލްގައި ބާއްވައިފަ އެވެ.
ދިރާގުން އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރު ޝަލަބީ އިބްރާހިމް އާއި މޯލްޑިވިއަން އައިޑޮލްގެ ސީޒަން 3 ގެ ގަދަ 6 ގައި ހިމެނުނު ހުސެއިން ޝަހުދާން އާއި އެކު ހޮނިހިރު ދުވަހުގެ ރޭ ބާއްވަން ނިންމި ރަސްމިއްޔާތު މޫސުމް ގޯސްވެގެން ވަނީ އިއްޔެ ހަވީރަށް ފަސްކޮށްފަ އެވެ.

އައްޑު އަށް ރަސްމީކޮށް ދިރާގު ޓީވީ އާއި ފައިބަރ ބްރޯޑްބޭންޑްގެ ހިދްމަތް އިފްތިތާހުކޮށް ދެއްވީ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.
ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގުޓީވީގެ އިންޓްރަޑަކްޓަރީ ޕެކޭޖްގައި 80 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ އިރު އެ ޕެކޭޖުގެ އަގަކީ 300ރ. އެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށް ދިނުމަށް ބޭނުން ކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. އަދި އެ ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށް ދެމުންދާ އެންމެ ހަލުއި ސްޕީޑް، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ އެއް ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެކެވެ.