Last Updated: June 28, 06:55
Sunday, June 28, 2026
ޚަބަރު

ފުލުހުން މީޑިއާތަކަށް އަހުލުވެރި ކުރަން ފަަށައިފި

މީޑިއާގެ އެކި ވަސީލަތްތަކަށް ފުލުހުން އަހުލުވެރި ކުރުވުމުގެ ޚާއްސަ ތަމްރީނު ޕްރޮގްރާމެއް މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމްއެމްއައި) އިން ފަށައިފި އެވެ.

އިއްޔެ އިން ފެށިގެން 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމުގައި، ޕޮލިސް މީޑިއާ ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިތުރުން ޓްރެފިކް މެނޭޖްމަންޓް އަދި ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނޭ ގޮތަށް ޖުމްލަ 12 މުވައްޒަފުން ބައިވެރި ވެއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ޕޮލިސް މީޑިއާ ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ މަސައްކަތްތަކަށް އަހުލުވެރި، ކަމާގުޅުން ހުރި ތަމްރީނުތައް ލިބިފައިވާ އަދި މިޑިއާގެ އެކި ވަސީލަތްތައް ބޭނުން ކުރުމުގެ ޤާބިލްކަން ލިބިފައިވާ ބަޔަކަށް ހެދުމުގެ ގޮތުން ޕޮލިސް މީޑިއާ ސެންޓަރުގެ އެދުމުގެ މަތިން މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެކެވެ.

މީޑިއާ ދާއިރާގައި ތަޖުރިބާ ލިބިފައިވާ ބޭފުޅުން ސެޝަންތައް ނަގައި ދިނުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމުގައި ނޫސްވެރިކަމާއި ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ އާއި ގުޅޭ އަސާސީ މަޢުލޫމާތުތައް ހިއްސާ ކުރުމަށް ހަމަޖެހިފައިވެ އެވެ.

އަދި މީޑިއާތަކަށް މަޢުލޫމާތު ދޭ އިރު ވިސްނަން ޖެހޭނެ ކަންތައްތަކާއި މުއާސަލާތު ކުރުމަށް ބޭނުން ކުރާނެ ތަފާތު ކޮމިއުނިކޭޝަން ސްކިލްސްތައް ބައިވެރިންނަށް ދަސްކޮށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.