ހިތަދޫ އީދިގަލިކިޅި ޕްލެޓްފޯމުގެ ފެންސް މައްޗަށް އަރައި ފޮޓޯ ނެގީ އެކަމަކީ އެއްވެސް ކަހަލަ މަނާކަމެއް ކަން ނޭގި ކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް ބުނެފިއެވެ.
ޝަލަބީ އީދިގަލި ކިޅީގެ ފެންސް މަތީގައި ހުރެ ނަގާފައިވާ ފޮޓޯ އާއި ގުޅިގެން ސޯޝަލް މީޑިއާގައި އެކިކަހަލަ ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށް ޝަލަބީ "އައްޑޫލައިވް"އަށް ބުނީ އީދިގަލި ކިޅި ބަލާލުމަށް އެތަނަށް ދިޔައީ އައްޑޫގެ ބަޔަކާއި އެކު ކަމަށާއި، އެތަނަށް އެރިއިރު އެއީ މަނާކަމެއްކަން އެކަކުވެސް ނުބުނާ ކަމަށާއި އެފަދަ ބޯޑެއްވެސް ނެތް ކަމަށެވެ.
ޝަލަބީ ބުނީ މިދަތުރަކީ އޭނާ އައްޑޫއަށް ކުރި ފުރަތަމަ ދަތުރުކަމަށެވެ. އަދި ޕްލްޓް ފޯމުގެ މައްޗަށް އަރައި ފޮޓޯ ނެގީ ކޮންމެ ހެން މަޝްހޫރުވެގެން ނޫންކަމަށެވެ.
"އެތަނަށް ގެންދިޔަ އެއްވެސް މީހަކު މަނާކަމެއްކަމަށް ނުބުނޭ، އަޅުގަނޑު އައްޑޫއަށް ކުރި ފުރަތަމަ ދަތުރުމިއީ، ފޮޓޯ ނަގަނީ ފޭމަސްވީމައެއް ނޫން، މަނާކަމެއްކަން އެނގޭ ގޮތަށް ހުރި ނަމަ ނޭރީސް، އަލަށްދާ ބަޔަށް ނުވެސް އިނގޭނެ"
އީދިގަލިކިޅި އިކޯ ޓޫރިޒަމަށް ތައްޔާރު ކުރަމުން އަންނައިރު، އެތަން ބަލަން އައްޑޫއަށް ޒިޔާރަތް ކުރާ ގިނަ ބަޔަކުދެެއެވެ. އެފަދަ މީހުން އެތަނަށް ގޮސް ފޮޓޯ ނަގައި، ހަދާއިރު އަދި އެތަނުގައި ހުންނަން ޖެހޭ ސައިން ބޯޑު ޖަހާފައި ނުވާކަން ފާހަގަ ކުރެވެއެވެ.
ޝަލަބީގެ ފޮޓޯ މައްސަލާގައި އޭނާގެ ފޭނުންވެސް ވަނީ އެކަން ފާހަގަކޮށްފައެވެ. އެފަދަ ފޭނުން ފާހަގަކޮށްފައިވާ ގޮތުގައި އެކަން އެނގޭގޮތަށް އެ ސަރަހައްދުގައި ބޯޑު ޖަހަން ޖެހޭނެއެވެ. އެހެންނަމަކަ ޝަލަބީ އެތަނަށް އަރައި ފޮޓޯ ނުނަގާނެކަމަށެވެ.
ކޮންމެއަކަސް ޝަލަބީއަށް ނޭގި ކުރެވުނު ކަމަކުން އެތައް ގޮތަކަށް ފާޑު ކިއުން އަމާޒުވެފައިވާ އިރު އެކަމާއި ޝަލަބީ އަދި އޭނާގެ ޓީމުންވަނީ ނިހާޔަތަށް މައާފަށް އެދިފައެވެ.