Last Updated: June 10, 20:48
Wednesday, June 10, 2026
ސިޔާސީ

"ސިފައިންނަށް ގެއްލިފައިވާ ހައްގު މަގާމު ހޯދައި ދޭނަން"

ދިވެހި ސިފައިންނަށް މިއަދު ގެއްލިފައިވާ ހައްޤު މަޤާމު، އެމްޑީޕީ ވެރިކަމަށް އައިސް އަލުން އަނބުރާ ހޯއްދަވައި ދެއްވާނެ ކަމަށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ނ. ކެނދިކުޅުދޫގައި އޮތް އެމްޑީޕީގެ "ދޭތިން ފަހެތި" ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ، އެތައް ޒަމާނަކަށް ދިގު ދެމިގެން ގޮސްފައިވާ ސިފައިންގޭގެ ފަޚުރުވެރި ތާރީޚުގައި، މިއަދު ކަޅު ލައްގަނޑެއް ޖެހިފައިވަނީ 2012 ފެބްރުއަރީ 7 ވަނަ ދުވަހު އެމްޑީޕީގެ ވެރިކަން ބަޣާވާތަކުން ބަދަލުކޮށްލުމުގައި ސިފައިންގެ ތެރެއިން މަދު ބަޔަކު ބައިވެރިވުމުގެ ސަބަބުން ކަމަށެވެ.
އަދި މިއަދު ސިފައިންގެ އަހަރީ ދުވަސް ފާހަގަކު ރާއިރު އެކަމާ މެދު ސިފައިންގެ ހިތްތަކުގައި ސުވާލު އުފައްދާނެ ކަމަށެވެ. އަދި އެއީ އެމަނިކުފާނު ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ދެން އުފެދިގެން އަންނަ އެމްޑީޕީ ސަރުކާރުގައި އަލުން އަނބުރާ ސިފައިންނަށް އެބައި މީހުންގެ ޕްރޮފެޝަނަލިޒަމް އާ އެއްގޮތަށް ގަދަރާއި އަދި ކަރާމާތުގައި ބައިތިއްބައި ދެއްވާނެ ކަމަށެވެ. އަދި ވެރިކަމުގެ ނިޒާމު ގަޑުބަޑުކޮށްލީތީ ސިފައިންގެ އުންމީދުތަކަށް ވެސް މިއަދު މި ވަނީ ހިޔަނިއެޅިފައި ކަމަށާއި، އަޅުގަނޑުމެން އެނބުރި އައިސް އެ އުންމީދުތައް ޙާޞިލްކޮށްދީ އަދި ސިފައިން އެބައި މީހުންގެ ޙައްޤު މަޤާމުގައި ބައިތިއްބައި ދެއްވާނެ ކަމުގައި، ނަޝީދު ވިދާޅުވި އެވެ.

އިއްޔެ މުޅި ރާއްޖޭގައި އިފްތިތާޙް ކުރެވުނު މެރިކަލްޗަ ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީ ސިޔާސަތުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ވިޔަފާރިއަކީ ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސްކަން މަތީ އަދި ރިވެތި ދިރިއުޅުމެއް ހޯދުމަށް ހިންގޭން އޮތް ވިޔަފާރިއެއް ކަމަށެވެ. އަދި އެމްޑީޕީގެ އަމާޒަކީ މީގެ 60 ޕްރޮޖެކްޓް 5 އަހަރު ތެރޭގައި ހިންގައިގެން ރާއްޖެ އަށް އާމްދަނީގެ ގޮތުގައި 1 ބިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ހޯއްދެވުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، މިކަމަށް ބޭނުންވާ ސިޔާސަތު އެމްޑީޕީއިން މިވަނީ ކަނޑައާ ނިމިފައި ކަމަށާއި އެހެން ކަމުން މި ވިޔަފާރި ހިންގުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދެން އުފެދިގެން އަންނަ އެމްޑީޕީ ސަރުކާރުން ފޯރުކޮށް ދެއްވާނެ ކަމަށެވެ.

އެމްޑީޕީގެ ކޮންމެ ސިޔާސަތެއްވެސް ހުއްޓިފައިވަނީ، ރާއްޖޭގެ ރައްޔިތުންނަށް ހައްޤުވާ މިންވަރު ހޯދައިދިނުމަށާއި އެބައިމީހުންނަށް ތަނަވަސްކަމާއި ފާގަތިކަމާއެކީ ދިރިއުޅެވޭނެ މަގު ތަނަވަސްކޮށް ދިނުމަށް ކަމަށާއި އެމްޑީޕީން މިހާތަނަށް ހާމަކުރި ގެސްޓް ހައުސް ވިޔަފާރި ހިންގުމުގެ ސިޔާސަތާއި އަދި މެރިކަލްޗަ ވިޔަފާރި ކުރިއެރުވުމުގެ ސިޔާސަތުގެ ސަބަބުން ވެސް އެތައް ބައިވަރު ވަޒީފާގެ ފުރުޞަތުތައް އުފެދި، ސީދާ ރަށްރަށަށް އާމްދަނީ އިތުރު ކުރުމަށް ބާރަކަށް ވެގެން ދާނެ ކަމަށެވެ.

ދިވެހި ރާއްޖެ ބަދަލު ކުރުމަށް އެމްޑީޕީއިން ވަރަށް ގިނަ އުންމީދުތައް ކުރަމުންދާ ކަމަށާއި އެ އުންމީދުތަކުގެ އެއް ފަރާތުގައި ތިބީ ރައްޔިތުންކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ތަރައްޤީ ހޯދުމަށާއި އަދި ޑިމޮކްރަސީ ދެމެހެއްޓުމަށް ރައްޔިތުންގެ ވެސް ވަރަށް ބޮޑު މަސްޢޫލިއްޔަތެއް އެބަ އޮތްކަމަށާއި 600 ރުފިޔާއަށް ވޯޓް ވިއްކާލާ ރައްޔިތު މީހާ ވެސް އެ ކުރަނީ ބަޣާވާތެއް ކަމަށާއި އޭނާވެ ސް އެ ހުރަސް އަޅަނީ ތަރައްޤީ އަށް ކަމަށެވެ.

މިއަދު ވެރިކަމަށް އަރާވަޑައިގެން ހުންނެވި ކުރީގެ ނާއިބު ރައީސް ޑރ. މުޙަންމަދު ވަޙީދު ވެސް އެ ވަނީ ވެރިކަން ގަޑުބަޑުކުރައްވައިގެން ރާއްޖޭގެ ތަރައްޤީއަށް ހުރަސް އަޅުއްވައިގެން ކަމުގައި ރައީސް ފާހަގަ ކުރެއްވެވި އެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް ދެ ބުރެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީއިން މި އިންތިޚާބު ކާމިޔާބު ކުރާނީ އެއް ބުރުން ކަމަށެވެ.