ކުއްލި ނުރައްކަލުގެ ހާލަތު އިއްލާންކޮށް، ސަލާމަތީ ބާރުތަކުން ސުޕުރީމް ކޯޓު ހިސޯރު ކުރުމަށްފަހު ފުރާޅުގެ ޓިނު ނައްޓައިގެން ވަދެ ހައްޔަރުކޮށްފައިވާ ސުޕުރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ދެކޮޅަށް ސިއްރު 16 ހެކިން ދައުލަތުން ހުށަހަޅައިފިއެވެ.
އުއްތަމަ ފަނޑިޔާރާއި ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ޓެރަރިޒަމް ދައުވާގެ މިރޭގެ ޝަރީއަތުގައި ސިއްރު 16 ހެކިވެރިން ހުށަހަޅާފައިވާ އިރު އުއްތަމަ ފަނޑިޔާރު ވަނީ ދައުވާއަށް އިންކާރު ކުރައްވާފައެވެ.
ކްރިމިނަލް ކޯޓުގައި މިރޭ ކުރިއަށްދިޔަ އިބްތިދާއީ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުވާ އުފުލާފައިވަނީ މަގާމުގައި ހުރެ އެހެން ބަޔަކާއި ގުޅިގެން ގާނޫނީ ސަރުކާރު ވައްޓާލުމަށް މަގާމުގެ ހައިސިއްޔަތު ބޭނުން ކުރިކަމަށް ބުނެއެވެ.
މީގެ އިތުރުންވެސް ކުރީގެ ކަމިޝްނާ އަހުމަދު އަރީފް އާއި ގުޅިގެން ދުރާލާ ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަކު އިތުރު ފުލުހުންނާއި ކުރިމަތިލައި ގައުމު ބައިބައި ކުރުމަށް މަސައްކަތް ކުރިކަމަށް ދައުވާގައިވެއެވެ.
މައްސަލަ ބެއްލެވި ގާޒީ ހައިލަމް ދައުވާއާއި މެދު ސުވާލު ކުރެއްވުމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ކޮޅަށް ތެދުވި ވަޑައިގެން ވިދާޅުވީ ދައުވާ ސާފުކަމަށާއި، އަދި އެ ދައުވާއަށް އިންކާރު ކުރައްވާކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރުގެ ގާނޫނީ ވަކީލް ވަނީ ގިނަ ކަންކަންތައް ފާހަގަކޮށްފައެވެ. އަދި ޓެރަރިޒަމް ގާނޫނުގެ ދަށުން އުއްތަމަ ފަނޑިޔާރުގެ މައްޗަށް އެދައުވާ ނުކުރެވޭނެކަމަށް ވަކީލް ފާހަގަ ކުރެއްވިއެވެ.
ގާޒީ ހައިލަމް ދައުލަތަށް ހެކި ހުށަހަޅަން ފުރުސަތު ދިނުމުން 16 ސިއްރު ހެކި ހުށަހެޅިއިރު ޖުމްލަ 32 ހެކި ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ރައީސް އޮފީހުގައި މަސައްކަތް ކުރައްވާ ނަޖުމާ ދިރިއުޅެމުން ދިޔަ ތަނުން ނެގި ކަޅު ފޮށިން ފެނުނު ލިޔެކިއުން ހިމެނެއެވެ.