އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް މަޝްހޫރު ދުވުންތެރިޔާ އަހުމަދު އާތިފް (އާތި) މިއަދު ހަމަޖައްސައިފި އެވެ.
އުރީދޫ އިން ބުނިގޮތުގައި، އެ ކުންފުނިން ވަނީ އާތިއާ ގުޅިގެން ދުޅަހެޔޮ ސިއްހަތެއްގައި ތިބެން ދިވެހި މުޖުތަމައަށް ބާރުއެޅުމަށް ތަފާތު މަސައްކަތްތައް ކުރަން ރާވާފައެވެ.
އުރީދޫގެ ޑައިރެކްޓަ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސައިން ނިޔާޒް ވިދާޅުވީ ތަފާތު އެކި ގޮންޖެހުންތައް ތަހައްމަލުކޮށްގެން ވެސް ބުރަ މަސައްކަތާ އެކު އާ އުސްމިންތަކާ ހަމައަށް ދިއުމަކީ، އުރީދޫ ބްރޭންޑު ބިނާކޮށްފައިވާ އެއް ބިންގާ ކަމަށެވެ. އަދި އާތިއާ އެކު މަސައްކަތް ކޮށްގެން، ކޮންމެ މީހެއްގެ އަމިއްލަ ހުވަފެންތަކާއި އުއްމީދުތައް ތެދަކަށް ހެދުމަށް ދިވެހި ޒުވާނުންނަށް އިތުރު ހިތްވަރެއް ދިނުމަކީ ދެކެން ބޭނުންވާ ދުވަހެއް ކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.
އުރީދޫ އަކީ އާ ކަންކަން ކުރުމުގައި ފާހަގަކޮށްލެވޭ ކުންފުންޏަކަށް ވާއިރު، އެ ކުންފުންޏާ ގުޅިގެން މަސައްކަތް ކުރަން ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށާއި އުރީދޫއާ ގުޅިގެން ތަފާތު ޗެލެންޖުތަކާ ކުރިމަތިލާން ތައްޔާރަށް ހުރި ކަމަށް އާތި ވިދާޅުވި އެވެ.
އާތިގެ އިތުރުން، އުރީދޫގެ ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި ރާއްޖޭގައި ތިބެނީ، މަޝްހޫރު ނިއުރޭޑިއަންޓް ފުޓްބޯޅަ ޓީމާއި މިއުޒިކް ބްރޭންޑް ހަބޭސް އެވެ.
އުރީދޫގެ މައި ކުންފުނީގެ އެމްބެސެޑަރުންގެ ތެރޭގައި މަޝްހޫރު ފުޓުބޯޅަ ތަރި ލިއޮނެލް މެސީ އަދި ޔޫރަޕްގެ އެންމެ ކުރިއަރައިފައިވާ އެއް ޓީމު ކަމުގައިވާ ޕެރިސް ސެއިންޓް ޖަމެއިން ހިމެނެ އެވެ.