Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

ހުޅުމީދޫގެ މަގުތަކުގައި ތާރު އަޅަން ސާމާނު ގެނެސްފި

ހުޅުމިދޫ މަގު ހަދަން ބޭނުންވާ ސާމާން އެރަށައް ބާލަނީ، ފޮޓޯ: އިބްރާހިމް ރަޝީދު ވަޖުދީ

ހުޅުމީދޫގެ މަގުތައް ތާރުއަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމަށް ބޭނުންވާ ސާމާން ހައުސިން މިނިސްޓްރީން ހުޅުމީދޫއަށް ގެނެސްފިއެވެ.

ހުޅުމީދޫގެ ބޮޑުމަގާއި، ހުރަސް ދެ މަގެއް ތާރު އަޅައިގެން ހެދުމަށް ބޭނުންވާ ކާބް ސްޓޯން އާއި ސިންކު ޕިޓް ހުޅުމީދޫއަށް އިއްޔެ ވަނީ ބާލާފައެވެ. އެއާއިއެކު ތާރުއަޅަން ބޭނުންވާ މެޝިނަރީޒް ތައް ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހުޅުމީދޫއަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމީދޫ މަގު ހެދުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރ މުހައްމަދު ޝާހިދު (ޝާޑް) އައްޑޫލައިވްއަށް ވިދާޅުވީ ކުރިއަށް އޮތް ދެ ހަފްތާ ތެރޭ މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށޭނެކަމަށެވެ.

"މަގު ހެދުމަށް ބޭނުންވާ ސާމާން މިހާރު މިދަނީ ހުޅުމީދޫއަށް ޖަމާ ކުރަމުން، ބޮޑެތި ތާރުއަޅާ މެޝިނަރީޒްތައް ވެސް ވަރަށް އަވަހަށް ގެންނާނެ، މަގު ހަދައި ޖުލައި 26 ކުރިން ނިންމާލެވޭތޯ ހައުސިން މިނިސްޓްރީން ދަނީ ބާރަށް މަސައްކަތް ކުރަމުން، ރައީސް ޔާމީންގެ ތަރައްޤީގެ އެއްވެސް ކަމެއް އިރާދަކުރެއްވިއްޔާ މަޑުޖެހި ހުއްޓިގެން ނުދާނެ، އެޔަގީންކަން އަޅުގަނޑު ރައްޔިތުންނަށް ދެން"

އައްޑޫ މީދޫގެ ބޮޑު މަގު، މަގު ހާލަތު ވަރަށް ދަށް

ޝާޑު ވިދާޅުވީ މަގުގެ މަސައްކަތް ޖުލައި 26އަށް ނިންމާލުމަށް މަސައްކަތް ކުރަމުންދާ އިރު މަސައްކަތް ނުފެށި ލަސްވި މައިގަނޑު ސަބަބަކީ ނަރުދަމާ އެޅުމުގެ މަސައްކަތް ނުނިމި ލަސްވުމެވެ. އަދި ނަރުދަމާ ނުނިމި މަގު ހެދެން ނެތުމުން ކަމަށެވެ.

ހުޅުމީދޫގެ މަގުތައް ތާރުއަޅައިގެން ހަދަން ތައްޔާރުވަމުން އަންނަ އިރު ބައެއް މަގުތައް ގާ އަތުރައިގެންވަނީ ހަދާފައެވެ. ނަމަވެސް ބޮޑު މަގާއި އާއްމުން އާއްމުކޮށް ބޭނުން ކުރާ މަގުތައް ނެހެދި ހުރުމުގެ ޝަކުވާ އިންތިހާއަށް ވަނީ ބޮޑުވެފައެވެ.