Last Updated: June 12, 02:23
Friday, June 12, 2026
ޚަބަރު

އިންސާފުވެރި ޝަރީއަތަކަށް އުއްމީދެއް ނެތް: ފާރިސް

ކްރިމިނަލް ކޯޓު ބޭރުގައި ފާރިސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ: ފޮޓޯ - މިހާރު

ދިވެހި ރާއްޖޭގެ ދުސްތޫރީ ނިޒާމް އޮޅުންގަނޑެއްގެ ތެރެއަށް ވެއްޓިފައިވާ މި ދަނޑިވަޅުގައި އިންސާފުވެރިކަމާއެކު ޝަރީއަތެއް ކުރިއަށް ދާނެ ކަމަށް އުއްމީދު ނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު، އަހުމަދު ފާރިސް މައުމޫން ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.

ފާރިސްއާ ދެކޮޅަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގެ އިބްތިދާއީ އަޑުއެހުމުގައި ވާހަކަ ދެއްކުމަށް ގާޒީ ފުރުސަތު އެރުވުމުން ފާރިސް ވިދާޅުވެފައިވަނީ އޭނާއަށް އިންސާފުން ޝަރީއަތް ކޮށް، އިންސާފުވެރި ހުކުމެއް އިއްވައިފި ފަނޑިޔާރަކު ޖަލަށް ލުމުގެ ބިރު އެބަ އޮތް ކަމަށެވެ.

އެހެންކަމުން އެފަދަ ޝަރީއަތެއް ފެނިގެންދާނެ ކަމަށް އުއްމީދު ނުކުރެވޭ ކަމަށް ފާރިސް ވަނީ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެފައެވެ. ޖަވާބުގައި މައްސަލަ ބައްލަވާ ގާޒީ، އަހުމަދު ހައިލަމް ވަނީ ކޯޓުން ފާރިސްގެ ހައްގެއް ގެއްލޭ ކަމަށް ފާހަގަކޮށްފިނަމަ އެކަން ހައްލު ކޮށްދޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ވެސް ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ ފާރިސްއާ ދެކޮޅަށް ދައުލަތުން ހުށައެޅި ސިއްރު ހެކި ވަނީ ޝަރީއަތުގެ މަޖިލީހުގައި ފާރިސްއާ އެއްކޮޅަށް ހެކި ބަސް ދީފައެވެ.