Last Updated: June 13, 21:28
Saturday, June 13, 2026
ކުޅިވަރު

ދިވެހި ޕްރެމިއާރ ލީގަށް ކޮލިފައި ނުވެ ހިތަދޫ ޓީމް ކަޓައިފި

ދިވެހި ޕްރެމިއާރ ލީގަށް ކޮލިފައިވުމަށް ހިތަދޫ ފުޓްބޯޅަ ޓީމަށް ފުރުސަތު ނުލިބި ކަޓައިފިއެވެ.

ހިތަދޫ ޓީމް ކެޓީ މުބާރާތުގައި އިއްޔެ ހަވީރު ތ. ތިމަރަފުށީ އާއި ބައްދަލު ކުރި މެޗު 2-1 ލަނޑުން ހިތަދޫ ޓީމް ބަލިވުމުންނެވެ.

ފ. ނިލަންދޫގައި ކުޅުނު މެޗަށް ހިތަދޫ ޓީމް ނިކުތީ، އިންޖަރީގެ މައްސަލަ ތަކާއިއެކުއެވެ، އެގޮތުން އެޓީމްގެ އެންމެ ފަހަތަށް ކުޅެމުން އަންނަ ތަޖްރިބާކާރު ޑިފެންޑަރ އަހުމަދު ޝާފިއު (ޝާޓީ) އާއި މެދުތެރެއިން ކުޅެމުންދިޔަ ހުނަރުވެރި ކުޅުންތެރިޔާ މުހައްމަދު ސައީދު (ލޮޖާ)އަށް އިންޖަރީވުމުގެ ސަބަބުން ފުރަތަމަ 11އިން އިއްޔެ ވަނީ ބާކީކޮށްލަން ޖެހިފައެވެ.

ހިތަދޫ ޓީމް އިއްޔެ ނިކުތީ، ޑިފެންސް ލައިން މުޅިން ހަމައަކަށް ނޭޅުވިއޮވެއެވެ. އޭގެ ނަތީޖާއަކަށްވީ ހިތަދޫގެ ޑިފެންސް ލައިނަށް ބާރުބޮޑުވެ ތިމަރަފުށިން ސްކޯ ކުރުމެވެ.

ހިތަދޫއަށް ދިވެހި ޕްރެމިއާ ލީގުން ޖާގައެއް ޔަގީންވާ އޮތީ ތިމަރަފުށި ބަލިކޮށްގެން ކަމުން އެޓީމުން ވަނީ ފަހަތުން އަރައި ސްކޯ 1-1 އެއްވަރުކޮށްފައެވެ. ނަމަވެސް ފަހު ހާފް ނިމެން މިނިޓްކޮޅަކަށްވެފައިވަނިކޮށް ހިތަދޫ ޓީމް އަތުން ބައިކޮޅަށް ވަން ލަނޑާއި އެކު އެޓީމުގެ ފުރުސަތު މުޅިން ގެއްލުނެވެ.

އެފްއޭއެމްގެ ގަވާއިދު ބުނާ ގޮތުން ދިވެހި ޕްރިމިއަރ ލީގުން ޖާގަ ލިބޭނީ މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަަށްދާ 4 ޓީމުގެ އިތުރުން މިހާރު ކުރިޔަށްދާ އެސްޓީއޯ މާލޭ ލީގުގެ ގަދަ 6 ޓީމަކަށެވެ.

ތިމަރަފުއްޓަށް ސެމީގެ ޖާގައެއް ޔަގީންވީ 9 ޕޮއިންޓާއި އެކު ގްރޫޕް އެއްވަނައިގެ ގޮތުގައެވެ. އެގްރޫޕްގެ ދެވަނަ ޖާގަ ކަށަވަރު ކުރީ 8 ޕޮއިންޓާއި އެކު ނިލަންދޫއެވެ.

ގްރޫޕް އޭއިން ދިވެހި ޕްރެމިއާ ލީގަށް ކޮލިފައިވީ ފެހެންދޫ އާއި ށ. ފޯކައިދޫއެވެ.