Last Updated: June 12, 02:23
Thursday, June 11, 2026
ކުޅިވަރު

އެގްރިގޭޓު ސްކޯއިން މޮޅުވެ، ރެއާލް ޖެހިޖެހިގެން ތިންވަނަ ފައިނަލަށް

ރެއާލް މެޑްރިޑް ފައިނަލުން ޖާގަ ހޯދުމާއެކު ކުޅުންތެރިން އުފާ ފާޅުކުރަނީ: ފޮޓޯ - ރޮއެޓާސް

ޔުއެފާ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި ބެޔާން މިއުނިކާއި ރެއަލް މެޑްރިޑް ކުޅުނު މެޗުގެ ދެވަނަ ލެގު 2-2 އިން އެއްވަރުވެ، އެގްރިގޭޓު 3-4 ގެ ނަތީޖާއިން މޮޅުވެ ރެއާލް، މުބާރާތުގެ ފައިނަލަށް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ދަތުރުކޮށްފިއެވެ.

މިމެޗުގެ ފުރަތަމަ ލެގު ބެޔާންގެ ދަނޑުގައި ކުޅެ 2-1 އިން މޮޅުވެފައިވަނީ ރެއާލްއެވެ. އެހެންކަމުން އަމިއްލަ ދަނޑުގައި ކުޅުނު މެޗަށް ނިކުތްއިރު ވެސް ރެއާލްއަށް ފައިދާ ބޮޑެވެ.

ނަމަވެސް ބެޔާނުން ވަނީ މެޗުގެ 3 ވަނަ މިނެޓުގައި ލަނޑު ޖަހައި، ރެއާލްއަށް މެޗު ދޫކޮށްނުލާ ކަން އަންގާދީފައެވެ. ޖޯޝުއާ ކިމިޗް ބެޔާންއަށް މެޗުގެ ލީޑު ނަގާދިނުމާއެކު މެޗުގެ ފޯރި ގަދަވި ނަމަވެސް ރެއާލްގެ ފޯވާޑް ކަރިމް ބެންޒީމާ ވަނީ 11 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކޮށް، އެގްރިގޭޓުން އަނެއްކާވެސް ލީޑު ނަގާދީފައެވެ.

ބެންޒީމާ ވަނީ ދެވަނަ ހާފު ފެށުނުއިރު އަނެއްކާވެސް ގޯލެއް ޖަހައި އެގްރިގޭޓު ސްކޯ 2-4 އަށް ބަދަލުކޮށްފައެވެ. ބެޔާންއަށް ނަތީޖާ އެއްވަރުކޮށްދިނީ 63 ވަނަ މިނެޓުގައި ރެއާލުން ލޯނަކަށް ފޮނުވާފައިވާ ހަމޭސް ރޮޑްރިގޭޒްއެވެ. މެޗުގައި އިތުރު ލަނޑެއް ފެނިފައިނުވާއިރު ރެއާލް ވަނީ އެގްރިގޭޓު ސްކޯއިން މޮޅުވެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެވެ.

މުބާރާތުގެ ފައިނަލުގައި ރެއާލްއާ ދެކޮޅަށް ކުޅޭ ދެވަނަ ޓީމު ޔަގީންވާނީ މިރޭ ރޯމާއާ ލިވަޕޫލް ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ. މިމެޗުގެ ފުރަތަމަ ލެގު ލިވަޕޫލް ވަނީ 2-5 އިން ކާމިޔާބުކޮށްފައެވެ.