Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

ފެބްރުއަރީ 1 ގެ ހުކުމާއި ގުޅޭ ބަޔާންތަކެއް ލީކް ކޮށްލައިފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ކުރީގެ ރައީސް މައުމޫންގެ އިތުރުން ފަނޑިޔާރު އަލީ ހަމީދު، ފޮޓޯ: އަވަސް

ފެބްރުއަރީ 1 ވަނަ ދުވަހު ސުޕުރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ފުލުހުން ހިންގި ތަހްގީގުތަކަށް ނަގާފައިވާކަމަށް ބުނާ ބަޔާންތަކެއް ލީކް ކޮށްލައިފިއެވެ.

ރެއިން ފެށިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންސާ ބަޔާންތަކަކީ ބައެއް ފަނޑިޔާރުންނާއި ފުލުހުންގެ ދީފައިވާކަމަށް ބުނާ ބަޔާންތަކެކެވެ. ނަމަވެސް މިއީ ސައްހަ ބަޔާންތަކެއްކަމަށް ރަސްމީ އެއްވެސް އިދާރާއަކުން ބުނެފައިނުއެވެ.

ލީކް ކޮށްލާފައިވާ ބަޔާންތަކުގައި ބަޔާން ދިން ފަރާތްތަކުން ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު "ރައީސް އަންގަވަގައިގެން ގައުމީ މަސްލަހަތުގައި ކަމަށް ބުނެ، އަންގަވައިގެން" ބައެއް އަމުރުތައް ބަދަލުކޮށް އެ ދެ ބޭފުޅުން އެންގެވި ގޮތަށް އަމަރުތައް ނެރެފައިވާ ކަމަށް ބުނެފައިވެ އެވެ.

މީގެ ތެރޭގައި ފުލުހުންގެ އިސްވެރިންނާއި، ސިވިލް ކޯޓު އަދި ކްރިމިނަލް ކޯޓުގެ ބައެއް ފަނޑިޔާރުންގެ ބަޔާންތައް ހިމެނެއެވެ. މީގެ އިތުރުންވެސް ފެބްރުއަރީ 1 ވަނަ ދުވަހުގެ އަމުރަށްފަހު އޭރުގެ ސީޕީ އަރީފް އަމަލު ކުރެއްވިގޮތް ތަފްސީލްކޮށް ކިޔާދީފައިވެއެވެ.

ބަޔާންތަކުގެ އިތުރުން އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން ފުލުހުންނަށް ލިބިފައިވާ އިންޓެލް ރިޕޯޓް ކަމަށް ބުނާ ރިޕޯޓް ވެސް ވަނީ ލީކްކޮށްލާފަ އެވެ.

މިފަދަ ބަޔާންތަކެއް ލީކް ކޮށްލާފައި މިވަނީ ފެބްރުއަރީ 1 ގެ ހުކުމާއި ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއްލާން ކޮށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ފަނޑިޔާރު އަލީ ހަމީދު އާއި ކުރީގެ ސީޕީ އަރީފްގެ އިތުރުން ރައިސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން އާއި އިތުރު ބައެއް މީހުން ހައްޔަރުކޮށް އެބޭފުޅުންގެ މައްޗަށް ޓެރަރިޒަމް ޝަރިއަތް ފަށާފައިވަނިކޮށެވެ.

އަދި އުއްތަމަ ފަނޑިޔާރާއި ދެކޮޅަށް 16 ސިއްރު ހެއްކާއި އެކު ޖުމްލަ 32 ހެކި ދައުލަތުން ހުށަހަޅާފައި ވަނިކޮށެވެ.