މިއަހަރުގެ މާޗު މަހު އައްޑޫ ސިޓީގެ ލިންކު ރޯޑުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ފުލުހުން ހިންގި ތަހުގީގު ނިމި، ކާރު ދުއްވަން ހުރި މީހާގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.
މިއެކްސިޑެންޓުގައި ސައިކަލު ދުއްވަން ހުރި ސ. ހިތަދޫ ނޫމުގުމާގެ، މުހައްމަދު ރަޝްމު ރިޔާޒް ވަނީ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް މަރުވެފައި ކަމަށް އޭނާ ބެލި ޑޮކްޓަރާ ހަވާލާދީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.
ރަޝްމު މަރުވެފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރުގައި ޖެހިގެންނެވެ. މަައުލޫމާތު ލިބޭ ގޮތުގައި ކާރު ދުއްވާފައި އައީ ކަނޑައެޅިފައިވާ ސްޕީޑް ލިމިޓަށް ވުރެ މަތީގައެވެ.
ފުލުހުން ބުނެފައިވަނީ މިމައްސަލައިގެ ތަހުގީގު ނިންމައި، ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ އެޕްރިލް މަހުގެ 18 ވަނަ ދުވަހު ކަމަށެވެ. އެކްސިޑެންޓުވި ކާރު ދުއްވަން ހުރި މީހާ ފުލުހުން ހައްޔަރުކުރި ނަމަވެސް އޭނާ ވަނީ ފަހުން ދޫކޮށްލާފައެވެ.