Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

ތޫފާން "ފްލެމްބޮޔަން" ދަނީ ރާއްޖެއާ ދުރަށް، ނުރައްކަލެއް ނެތް: މެޓް އޮފީސް

އައްޑު އަތޮޅުގެ އިރުދެކުނުން ގާތްގަޑަކަށް 3000 ކިލޯމީޓަރު ދުރުގައި އުފެދިގައިވާ ތޫފާން "ފްލެމްބޮޔަން" ދަނީ ރާއްޖެއާ ދުރަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ މި ތޫފާންގެ ސަބަބުން ބާނިބޮޑުވެ، ރާއްޖެއަށް އޭގެ އަސަރުކުރާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް މިހާރު މިތޫފާން ދަނީ ރާއްޖެއާ ދުރަށް ކަމަށާއި އެހެންވެ އޭގެ ސަބަބުން ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މިހާރު ލަފާނުކުރެވޭ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މެޓުން މޫސުން ލަފާކުރާގޮތުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ދުވާލު މޫސުން ރަނގަޅުވާނެ އެވެ. ނަމަވެސް މިރޭ ދެކުނާއި މެދު ރާއްޖެތެރެއަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެ އެވެ.

އަދި މިއަދު ވައިޖެހޭނީ ދެކުނާއި މެދުތެރޭގެ ސަރަޙައްދުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަަމަށާއި އުތުރުގެ ސަރަޙައްދުތަކަށް ގަޑިއަކު 7 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މިއަދު ގަދަ ވިނަމަވެސް ދިޔަވަރު އެންމެ ބޮޑުވާގަޑިތަކުގައި ދެކުނުގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

މިއަދު ރާއްޖޭގެ އެކިސަރަހައްދުތަކަށް އެންމެ ދިޔަވަރު ބޮޑުވާ ގަޑިތައް:

އުތުރުގެ ސަރަހައްދުތަކަށް 13:55 ގައި
މެދުތެރޭގެ ސަރަހައްދުތަކަށް 14:34 ގައި
ދެކުނުގެ ސަރަހައްދުތަކަށް 15:11 ގައި