Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދާ ދެކޮޅަށް ދެ ގާޒީއެއްގެ ބަޔާން

އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ކްރިމިނަލް ކޯޓް ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފް އާއި ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް އަލީ ބަޔާން ދެއްވި ކަމަށް ލީކުވެފައިވާ ފުލުހުންގެ ސިއްރު ބަޔާންތަކުން ހާމަވެއްޖެ އެވެ.

ފުލުހުންނަށް އާދަމް އާރިފް ދެއްވާފައިވާ ސިއްރު ބަޔާނުގައި ވިދާޅުވެފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ޖުޑިޝިއަލް ސާވިސް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ގުޅުއްވުމަށްފަހު ފަނޑިޔާރުން ވާހަކަފުޅު ދަައްކަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ފޯނު ސްޕީކަރަށްލެއްވި ކަމަށާއި އެތަނުގައި ހުންނެވި އުއްތަމަ ފަނޑިޔާރު ވާހަކަފުޅު ދައްކަވަމުން "އަމުރުތައް ނެރޭއިރު ސިޔާސީ މީހުންނަށް ބެލުމަށް" އެންގެވި ކަމަށެވެ.

ފަނޑިޔާރު އަލީ ހަމީދު ވާހަކަފުޅު ދައްކަވަމުން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން އަމުރު ކުރުމުން އޭނާ ހައްޔަރު ކުރުމަށް ހުށަހެޅި ހެކި ހުށަހަޅައިގެން ބަންދު ކުރި މީހުން ދޫކޮށްލަން ޖެހޭ ކަމަށް ވިދާޅުވެފައި ފޯނު ކަނޑާލި ލެއްވި ކަމަށާއި، އެއަށް ފަހު އުއްތަމަ ފަަނޑިޔާރާއި އަލީ ހަމީދު އެންގުވުމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ދޫކޮށްލުމަށް އަމުރު ކުރި ކަމަށް ވެސް އާދަމް އާރިފް ވިދާޅުވިއެވެ.

މީގެ އިތުރުން 4 ފެބްރުއަރީގައި ހަސަން ސައީދު ހައްޔަރު ކުރި މައްސަލައާ ގުޅިގެން އުއްތަމަ ފަނޑިޔާރު ގުޅުއްވުމަށް ފަހު އޭނާ ހައްޔަރު ކުރަން އަމުރު ނެރުއްވީ ކޮން ގާޒީއެއްތޯ ސުވާލު ކުރެއްވި ކަމަށާއި އެ އަމުރު ނެރުއްވީ ގާޒީ އަހުމަދު ހައިލަމް ކަމަށް ދެންނެވުމުން އެ އަމުރު ބާތިލު ކުރަން އެންގެވި ކަމަށާއި، ނަމަވެސް އެ އަމުރު ބާތިލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ދެންނެވުމުން ފިޔަވަޅު އެޅިދާނެ ކަމުގެ އިންޒާރު ދެއްވުމަށް ފަހު އުއްތަމަ ފަނޑިޔާރު ފޯނު ބޭއްވެވީ ކަމަށް ވެސް އާދަމް އާރިފްގެ އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެކެއް ފެބްރުއަރީގައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ކްރިމިނަލް ކޯޓަށް ގުޅުއްވައި މީހުން ހައްޔަރު ކުރުމަށް ނެރެފައިވާ އަމުރުތައް ބާތިލު ކުރުމަށް އަންގާފައި ވަނީ އަމިއްލަ މަންފާއެއް ނުވަތަ ފައިދާއެއް އޮވެގެން ކަމަށް ބެލުމުގެ ފުރުސަތު މިހާރު އޮތް ކަމަށް ވެސް އާދަމް އާރިފް ވަނީ ވިދާޅުވެފަ އެވެ.

އުއްތަމަ ފަނޑިޔާރާއި އަލީ ހާމީދާއި ދެކޮޅަށް ދެން ހެކި ބަސް ދެއްވާފައިވާ ގާޒީ ހަލީމްގެ ސިއްރު ބަޔާނުގައި ބުނެފައި ވަނީ ސިވިލް ކޯޓުގައި ހިނގި ބޮޑެތި މައްސަލަތަކާ ގުޅިގެން އެ ދެ ފަނޑިޔާރުން ގުޅުއްވައި ހުކުމްތައް ބޭނުންވާ ގޮތަށް ބަދަލު ކުރެއްވި ކަމަަށެވެ.

އެގޮތުން "ހަވީރު" ނޫހުގެ މިލްކުވެރިކަމާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލާގައި މުވައްޒަފުންނަށް އެހެން ތަނެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ބުނާ ބައި އިތުރުކޮށްފައި ވަނީ ފަނޑިޔާރު އަލީ ހަމީދު ކަމަށާއި، ހުކުމްތައް ބަދަލު ކުރުމަށް ފަނޑިޔާރު އަލީ ހަމީދާއެކު ވާހަކަދައްކާފައި ވަނީ "ވަޓްސް އެޕް" މެދުވެރިކޮށްގެން ކަމަށް ވެސް ހަލީމް ވިދާޅުވެފައިވެ އެވެ.

އަދި ޕީޕީއެމް ހިންގުމާ ގުޅޭ މައްސަލާގައި ވެސް އުއްތަމަ ފަނޑިޔަރާއި އަލީ ހަމީދު އިރުޝާދު ދެއްވަމުން ގެންދެވި ކަމަށާއި އެގޮތުން "ރައީސް ވަރަށް ބޭނުންފުޅު ވެޔޭ އެ މައްސަލަ ހުށަހެޅިފައިވާ ފަރާތުގެ މައްސަލަ ހިމާޔަތްވާ ގޮތަށް އެ މައްސަލަ ނިންމެވުމަށް" ކަމަށް ވިދާޅުވި ކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި އުސޫލުތަކުގެ ތެރެއިން އެކަންކަން އެގޮތަށް ހަމަޖެއްސި ކަމަށް ވެސް ހަލީމް ވިދާޅުވެފައި ވެއެވެ.

ހަލީމް އިތުރަށް ވިދާޅުވެފައި ވަނީ ވިލާ އެއާ ޕްރައިވެޓް ލިމިޓަޑްގެ މައްސަލާގައި ވެސް އެ ދެ ފަނޑިޔާރުން ގުޅުއްވައި ވަރަށް ބޮޑަށް އިރުޝާދު ދެއްވާ ހެއްދެވި ކަމަށާއި އެ ފަނޑިޔާރުން އެދިލެއްވި ގޮތަށް އަމުރުތައް ނެރެމުން ދިޔަ ކަމަށާއި، ނަމަވެސް އޭރު ގެންގުޅުނު ފޯނު ބަދަލުވެފައިވާތީ މިހާރު އެ މެސެޖުތަކެއް ނުހުންނާނެ ކަމަށެވެ.

އަދި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ބޭނުންވާ ގޮތަށް ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތް ކުރުމުގެ ބޭނުމުގައި ނެރުމަށް މަސައްކަތްކޮށްފައި ވަނީ ރައީސް ޔާމީން ބޭނުންފުޅުވާ ގޮތް ކަމަށް ވިދާޅުވުމަށް ފަހުގައި ކަމަށާއި އެއިން ދައުލަތަށް ފައިދާ ވާނެ ކަމަށް ބުނެ މަގާމްގެ ނުފޫޒު ބޭނުން ކުރައްވައިގެން ކަމަށް އެނގޭ ކަމަށްވެސް ހަލީމް ވިދާޅުވި އެވެ.

ފުލުހުން ވަނީ ސިއްރު ބަޔާންތައް ލީކުކޮށްލާފައިވާ މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ.