Last Updated: April 26, 18:07
Friday, April 26, 2024
ރިޕޯޓް

ނުފޫޒަށް ހުކުމް ކުރުން: ނިޔާކަނޑައަޅަން ބޭތިއްބުން ހެޔޮނުވާނެ!

ވަކިފަރާތަކަށް ނުޖެހުމާއި ފުރިހަމަ މުސްތަޤިއްލުކަމަކީ، ފަނޑިޔާރެއްގެ މަޤާމުގެ ވާޖިބު ފުރިހަމަގޮތުގައި އަދާކުރުމަށް ކޮންމެހެން ލާޒިމުކަމެކެވެ. މިގޮތުން، ޝަރީޢަތް ހިންގުމުގައާއި، ޙުކުމާ ހަމައަށް ވާސިލުވުމުގައާއި ޙުކުމް ކުރުމުގައި ފަނޑިޔާރުން ވަކިފަރާތަކަށް ނުޖެހި މުސްތަޤިއްލުވުމަކީ ކޮންމެހެން ލާޒިމުކަމެކެވެ.

ފަނޑިޔާރުން، އެމީހުންގެ ވާޖިބު އަދާކުރަންވާނީ، ތަޢައްޞުބުން އެއްކިބާވެހުރެ ހަމަހަމަކަމާއި މުސްތަޤިއްލުކަމާއެކު، ވަކިފަރާތަކަށް ނުވަތަ ވަކިފަރާތެއްގެ މަޞްލަޙަތަށް އިސްކަންދިނުމަކާނުލައެވެ.

ކޯޓަކަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅިދާނެ މައްސަލައެއްގެ ޙުކުމަށް އެއްވެސް އަސަރެއް ކޮށްފާނެ ފަދަ ނުވަތަ މައްސަލައެއް އިންސާފުވެރިކަމާއެކު ބެލުމަށް ހުރަސްއެޅޭފަދަ ލަފައެއް ނުވަތަ މަޝްވަރާއެއް ވިޔަސް ފަނޑިޔާރަކު އެއްވެސް ފަރާތަކަށް ދީގެންނުވާނެއެވެ.ޝަރީޢަތް ކުރުމުގައި ފަނޑިޔާރު ބަލަންވާނީ ޝަރީޢަތަށް ހުށަހެޅޭ ހެއްކާއި ޤަރީނާއަށެވެ.

މިއީ ފަނޑިޔާރުންގެ ޤާނޫނުގެ އިތުރުން، އަޅުގަނޑުމެންގެ އިސްލާމްދީނުގައި ވެސް ބާރު އަޅާ ގޮތެވެ. އަދި ހަމަ އެހެންމެ ތަހުޒީބު މުޖްތަމައުތަކުގައި ވެސް އަމަލުކުރަމުންދާ ގޮތެވެ.

އަޅުގަނޑުމެން އެންމެން ވެސް މިތިބެނީ، ދިވެހިރާއްޖޭގައި ވެސް އަމަލުކުރަމުން ދަނީ، އަދި އަބަދުވެސް ކުރަމުން ދާނީ ވެސް މިއުސޫލުގެ މަތިން ކަމުގައި ޤަބޫލުކޮށްގެންނެވެ. އެހެން ތިއްބައި، ޝަރުޢީ ކޯޓުތަކުގެ ބައެއް ގާޒީންގެ ބަޔާންތަކެއް މިއަދު ސޯޝަލް މީޑިޔާގައި ލީކުވެގެން ދިއުމުން އެހެން ގޮތަކަށް ވިސްނަން މިވަނީ މަޖުބޫރުވެފައެވެ.

ލީކުވެފައިވާ ބަޔާންތަކުގެ ތެރޭގައި ޝަރުޢީ ކޯޓުތަކުގައި މިހާރު ވެސް ނިޔާ ކަނޑައަޅުއްވާ ގާޒީން ހިމެނިވަޑައިގަންނަވައެވެ. އެ ގާޒީން ވިދާޅުވެފައިވާ ވާހަކަތަކުގެ ޚުލާސާއަކީ،ސިޔާސީ ފަރާތްތަކާއި، ޝަރުޢީ ދާއިރާގެ އިސްފަރާތްތަކުގެ ނުފޫޒަށް ލެނބި ހުކުމްތަކާއި އަމުރުތައް ނެރުއްވާފައިވާ ވާހަކައެވެ.

މިފަދަ ގާޒީންތަކެއް ކޯޓުތަކުގައި ނިޔާކަނޑައަޅަން ތިބުމަކީ، ޝަރުޢީ ދާޢިރާއަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިގެންދާނެ ކަމެކެވެ.

ލީކުވެފައިވާ ބަޔާންތަކަކީ، ފަހަރެއްގައި ވެސް އަސްލު ބަޔާންތަކެއް ނޫންކަމަށް ވާނަމަ، އެކަމާއި ބެހޭގޮތުން ޝަރުޢީ ދާއިރާއިން ބަސްބުނަން ޖެހެއެވެ.