ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރުކޮށް މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާ އާއި ގުޅިގެން ނަދީމަށް ވަކީލަކު އައްޔަން ކުރަން 2 ދުވަހުގެ މުހުލަތެއް ދީފިއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އެމައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި ދައުލަތުންވަނީ ނަދީމުގެ މައްޗަށް ކުރާ ދައުވާ އިއްވާފައިއެވެ.
ދައުލަތުން އިއްވި ދައުވާގައި ބުނެފައިވަނީ 2017 ވަނަ އަހަރުން ފެށިގެން ސަރުކާރު ވައްޓާލަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ކުރަމުން ދިޔަ މަސައްކަތުގައި ނަދީމް ބައިވެރިވެފައިވާ ކަމަށެވެ. ޤާނޫނު އަސާސީއިން ދައުލަތް ހިންގުމުގެ ވަކިވަކި ބާރުތައް ލިބިދީ އުފައްދާފައިވާ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫއަރައި، ޤައުމީ ސަލާމަތާއި ގުޅިފައިވާ އެތައް މަސްހަލަތުތަކެއް ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި އަމުރެއް ނެރެފައިވާތީ ވެސް ނަދީމަށް އެ ދައުވާގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި އުސޫލުތަކުގެ ބޭރުން ޤާނޫނާ ޚިލާފަށް ވައްޓާލަން މަސައްކަތްކޮށް ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި އާންމުންގެ ސަލާމަތަށް ނުރައްކާވާފަދަ ޙާލަތެއް މެދުވެރިކުރަން ނަދީމް އުޅެފައިވާ ކަމަށް ވެސް ދައުވާގައި ބުނެފައިވެއެވެ.
މިމައްސަލާގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާއި އެކު ކަމުން ވަކީލަކު އައްޔަނު ކުރުމަށް 10 ދުވަހުގެ ފުރުސަތެއް ދެއްވުމަށް ނަދީމް އެދުނު ނަމަވެސް ގާޒީ ދެއްވީ ދެދުވަހުގެ މުއްދަތެކެވެ.