Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

މައުމޫނާއި ދެ ފަނޑިޔާރުންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަނީ

ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރުކުރި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާއި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ކުރާ ބައެއް ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ތާވަލްކޮށްފި އެވެ.

އޭގެ ތެރެއިން ރައީސް މައުމޫންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ދެވަނަ އަޑުއެހުން ކްރިމިނަލް ކޯޓްގައި ތާވަލްކޮށްފައި ވަނީ މާދަމާ ހެނދުނު 11:00 އަށެވެ. މާދަމާ އަޑުއެހުމުގައި އޮންނާނީ ވަކީލަކާ އެކު މައުމޫންގެ ފަރާތުން ދައުވާއަށް ޖަވާބުދާރީވުމެވެ.

އަދި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދަށް ކުރާ ދައުވާތަކުގެ ތެރެއިން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓްގައި ތާވަލްކޮށްފައި ވަނީ މާދަމާ މެންދުރުފަހު 15:00 އަށެވެ. އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ.

މީގެ އިތުރުން އުއްތަމަ ފަނޑިޔާރަށް ކުރާ ދައުލަތް ހިންގަން ހުރަސްއެޅުމުގެ ދައުވާގެ އަޑުއެހުމެއް ވެސް މާދަމާ ހެނދުނު 10:00 އަށް ކްރިމިނަލް ކޯޓްގައި ވަނީ ތާވަލްކޮށްފަ އެވެ. އެ މައްސަލައިގެ ޝަރީއަތް ވެސް ކުރިން އޮތީ ފަށައިފަ އެވެ.

މި ތިން ބޭފުޅުންގެ އިތުރުން މަޖިލީހުގެ ހަތަރު މެމްބަރަކާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފްގެ މައްޗަށް ވެސް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފަ އެވެ. އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ރިޝްވަތުގެ ދައުވާ ވެސް ވަނީ ކޮށްފައެވެ.