ސުޕުރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އަންގަވައިގެން ހުކުމްތަކާއި އަމުރު ނެރެދެއްވި ގާޒީން އިސްތިއުފާ ދެއްވުމަށް ކުރީގެ ބަންޑަރަ ނައިބް ހުސްނުއް ސުއޫދު ގޮވާލައްވައިފިއެވެ.
ސުއޫދު މިފަދައިން ގޮވާލާފައިވަނީ ސުޕުރީމް ކޯޓުން ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު އަމުރާއި ގުޅިގެން ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ދެކޮޅަށް ކުރަމުންދާ ތަހްގީގަށް ދެ ފަނޑިޔާރަކު ދެއްވާފައިވާ ބަޔާންތަކާއި ގުޅިގެންނެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސިއްރު ބަޔާންތަކަކީ ފުލުހުންގެ ތަހްގީގަށް ދީފައިވާ ސައްހަ ބަޔާންތަކެއްކަމަށް ފުލުހުން އިއްޔެ ޔަގީންކަން ދިނުމާއި ގުޅިގެން ސުއޫދު ވިދާޅުވީ ފަނޑިޔާރު އަލީ ހަމީދު އެންގެވި ގޮތަށް ހުކުމްތައް ނެރުއްވި ގާޒީން ވަގުތުން އިސްތިއުފާ ދެއްވަންޖެހޭ ކަމަށެވެ. އެ ބޭފުޅުން ގާޒީންގެ ގޮތުގައި ތިއްބެވުމަށް މިހާރު ކުފޫ ހަމަނުވާ ކަމަށް ސުއޫދު ވިދާޅުވިއެވެ. އަދި އެ ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީން ބެލުމަށް ސުއޫދު ވަނީ ގޮވާލައްވާފައެވެ.
ލީކް ވެފައިވާ ބަޔާންތަކުގައި ކްުރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެހުންނެވި އާދަމް އާރިފް އާއި ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމްގެ ބަޔާން ހިމެނެއެއެވެ. އެގޮތުން ހަލީމްގެ ބަޔާނުގައި ދުވަހު ނޫސް 'ހަވީރު"ގެ މިލްކިއްޔާތާއި ގުޅޭ ގޮތުން ކުރިއަށް ގެންދިޔަ ޝަރީއަތާއި، ޕީޕީއެމްގެ މުސްތަޝާރާއި ޕާޓީ ހަވާލުކުރުމަށް ނިންމި ނިންމުމާއި، ވިލާ ކުންފުނީން ހިންގަމުން ދިޔަ ކޫއްޑޫ އެއާޕޯޓް ނެގުމުގެ މައްސަލަ ކުރިއަށް ގެންދިޔައީ އަލީ ހަމީދު އެންގެވި ގޮތަށް ކަމަށް ބަޔާން ދީފައިވެއެވެ.