Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

ހެކި ނެތި ހުކުމުގެ އިންޒާރު ދިނުމަކީ ނުރައްކަލެއް: އަމީން

ހުކުމް ކުރެވޭނީ ލިބިފައިވާ ހެކީގެ މައްޗަށް ކަމަށާއި، ހެކި ނެތަސް ހުކުމް ކުރާނެކަމުގެ އިންޒާރު ރައީސް އަބްދުﷲ ޔާމީން ދެއްވުމަކީ ގާނޫނާއި ހިލާފު ވަރަށް ނުރައްކާތެރިކަމެއްކަމަށް އެމަނިކުފާންގެ ފުރަތަމަ ޓްރާންސްޕޯޓް މިނިސްޓަރ އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަމީން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުކުމް ކުރެވޭނީ ލިބިފައިވާ ހެކީގެ މައްޗަށް ކަމަށާއި، ހެކި ދެއްކުމަކީ ދައުވާ ކުރާ މީހާގެ ކަމެއް ކަމަށެވެ.

"ހުކުމް ކުރެވޭނީ ލިބިފައިވާ ހެކީގެ މައްޗަށް ކަމަށާއި، ހެކި ދެއްކުމަކީ ދައުވާ ކުރާ މީހާގެ ކަމެއް، އެއީ ދައުވާ ލިބޭ މީހާގެ ކަމެއް ނޫން، ކުއްލި ނުރައްކަލުގެ ދަށުން ހައްޔަރުކުރި އެއްވެސް ސިޔާސީ ބޭފުޅެއްގެ މައްޗަށް ސާބިތު ހެއްކެއް އަތު ނުޖެހުމުން ބޭނުންވާ ހެކި ހޯދައިދޭން މިޖެހެނީ އާޚިރުގައި ހައްޔަރީންނަށް"

އަމީން ވިދާޅުވީ ހެކި ނުލިބުމުން ފިތިފައިތިބި ދެތިން ގަޒީ އަކާއި ކޮރަޕްޓް މަދު ފުލުހުންކޮޅަކާއި، ގޮތް ހުސްވެފައިތިބި އާއްމުންގެ ބަޔަކު ލައްވާ ބަޔާން ލިޔެ ނެރެފައިވާ ކަމަށެވެ.

އަމީން މިފަދައިން ވިދާޅުވި އިރު ސުޕުރީމް ކޯޓުން ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު އަމުރާއި ގުޅިގެން ހައްޔަރުކޮށްފައިވާ ސުޕުރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ދެކޮޅަށް ދީފައިވާ ސިއްރު ހެކިންގެ ބަޔާންތަކެއް ވަނީ ލީކްވެފައެވެ. ލީކްވި ބަޔާންތަކުގެ ތެރޭގައި ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެ ހުންނެވި އާދަމް އަރީފް އާއި، ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމްގެ ބަޔާން ހިމެނެއެވެ.

އަމީން ވިދާޅުވީ ހެކި ނެތަސް ހުކުމް ޖަހާނެކަމަށް ރައީސް ޔާމީން އިންޒާރު ދެއްވުމަކީ ގާނޫނާއި ހިލާފު ވަރަށް ނުރައްކާތެރި ސިގްނަލެއްކަމަށެވެ.

އަމީން މިގޮތަށް ވިދާޅުވިއިރު މޭއި މަހުގެ 2 ވަނަ ދުވަހުގެ ރޭ ޕީޕީއެމް ރުމާލު 2 ޖަގަހަގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ މައްސަލާގައި ޖަލުގައި ހައްޔަރުކޮށްފައި ތިއްބެވި ބޭފުޅުން ގެ އަށް ނުފޮނުވިގެން އުޅެނީ އެ ބޭފުޅުން ހެކި ދެއްވަން ބޭނުން ނުވާތީ ކަމަށާއި ހެކި ނުދެއްވާ ނަމަ އެ ބޭފުޅުންނަށް ކޯޓުން ހުކުމެއް އަންނާނެ ކަމަށެވެ.

"އޭނާ ކުށުން ބަރީއަ ކުރުމަކީ ދައުލަތުން ކުރާ ކަމެއް ނޫން. ސަރުކާރުން ކުރާ ކަމެއް ނޫން. ދައުލަތުން އޭނާގެ މައްޗަށް ދައުވާ އުފުލަނީ އޭނާ ކުރާ ވިޔާނުދާ ކަމެއްގެ ސަބަބުން. އެ ކަމަކަށް އަދަބެއް ނުދެވިއްޖެ ނަމަ އެ އަށް ވުރެ ބޮޑު ނުރައްކާ މުޅި މުޖުތަމައަށް ކޮށްފާނެތީ،"

ރައީސް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ކުށުން ބަރީއަ ވުމަކީ އެ މީހަކާއި އެ މީހެއްގެ ގާނޫނީ ވަކީލުންގެ ޓީމުން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި އެ ގެމީހަކު ކުށުން ބަރީއަ ކުރުމަކީ ޕްރޮސެކިއުޓާ ޖެނެރަލް ކުރައްވާ ކަމެއް ނޫން ކަމަށެވެ.