Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ލައިފް ސްކިލްސް ވޯކްޝޮޕެއް ފޭދޫގައި ފަށަައިފި

ސްކޫލް ނިންމާފަ ތިބި ޒުވާނުންނަށް އަމާޒުކޮށްގެން "ލައިފް ސްކިލްސް ވޯކްޝޮޕެއް" ސ. ފޭދޫގައި ފަށައިފިއެވެ.

ފޭދޫ ކެރިއަ ވިޓަމިން ސޮސައިޓީ އާއި ޝީކޯ އަދި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ފޭދޫ "އޭ ސްޓާރ" ޒޯންގައި ކުރިއަށްދާ މި ވޯކްޝޮޕަކީ ސްކޫލް ނިންމާފައި ތިބި ކުދިންގެ ތެރެއިން ވަޒީފާއެއް ނެތި އުޅޭ ކުދިންނަށް އަމާޒުކޮށްގެން ދިރިއުޅުމުގެ ހުނަރުތަށް ދަސްކޮށް ދިނުމަށް ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުމެއް ކަމަށް ކައުންސިލުން ބުންޏެވެ.

ވޯކްޝޮޕްގައި މުއާމަލާތް ކުރާނެ ގޮތާއި ކަންކަމުގައި ނޫނެކޭ ބުނަން ޖެހޭ ހާލަތްތަށް ފަދަ ދިރިއުޅުމުގައި ދިމާވެދާނެ މުހިންމުކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށް ދެވޭނެ ކަމަށް ކެރިއަ ވިޓަމިން ސޮސައިޓީން ބުންޏެވެ.

މީގެ އިތުރުން ވޯކްޝޮޕްގައި ތިއޭޓަ ފޯރަމެއް ކުރިއަށްގެން ދިއުމަށް ނިންމާފައިވާ އިރު، މި ފޯރަމްގަ މުޖްތަމައަށް ނުކުމެ މުޖްތަމައުގައި ހުރި އެކިއެކި މައްސަލަތަކުގެ ތެރެއިން ކަނޑައެޅޭ ވަކިކަމަކާ ގުޅޭ ގޮތުން ވަކި ލޮކޭޝަނެއްގައި ޕްރޮގްރާމެއް ހުށަހަޅައިދޭ ގޮތަށް ވެސް ވަނީ ހަމަޖެހި ފައެވެ.

ޝީކޯގެ ފަރާތުން ތޯމާ އަހުމަދު ފެސިލިޓޭޓްކޮށްގެން މަރަދޫގެ އިތުރުން ފޭދޫން 18 ބައިވެރިން ހިމެނޭ ވޯކްޝޮޕް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށެވެ.