Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ފެންނަ ތަރައްގީއަށްވުރެ ނުފެންނަ ތަރައްގީ ގިނަ

އަބްދުއްރަހީމް އަބްދުﷲ: - ފޮޓޯ: އަވަސް

ރައީސް އަބްދުﷲ ޔާމީން ދިވެހި ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ގެންނެވީ ހަމައެކަނި އުމްރާނީ ތަރައްގީ ނޫން ކަމަށާއި، މިސަރުކާރުން ނުފެންނަ ތަރައްގީ ވެސް ގެނެސްދީފައިވާ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު، އަދި ޕީޕީއެމްގެ ނައިބު ލީޑަރ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވެފައިވަނީ ނުފެންނަ ތަރައްގީ ފެންނަ ތަރައްގީއަށް ވުރެ މާ ގިނަ ކަމަށެވެ. ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލް އަދި ފްލެޓު ތަކަކީ ފެންނަ ތަރައްގީ ކަމަށާއި، މާލޭގެ މަގުތަކަށް ރައީސް ޔާމީން ގެނެސްދެއްވި އަމާން ކަމަކީ ނުފެންނަ ތަރައްގީ ކެޓަގަރީގައި ހިމެނޭ ތަރައްގީ ކަމަށް ދޭހަވާ މޭރުމުން އަދުރޭ ވާހަކަ ދެއްކެވިއެވެ.

އެމްޑީޕީ ވެރިކަމުގައި އޭރު އިދިކޮޅުގައި ތިއްބެވި ބޭފުޅުން މަގުތަކަށް ނިކުންނަން ޖެހުނީ ބޮޑީ ގާޑުންނާއެކު ކަމަށާއި އެހާ ހިސާބަށް މާލޭގެ މަގުތަކުގައި ނާމާންކަން ފެތުރިފައި އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިހާރު އެކަން ރައީސް ޔާމީން ބަދަލުކުރައްވާފައިވާ ކަމަށާއި މަގުތައް އަމާން ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވެފައިވަނީ ގައުމަކަށް ލިބޭނެ އެންމެ ބޮޑު ތަރައްގީއަކީ އެގައުމުގެ ރައްޔިތުންނަށް އަމާން ކަމާއެކު ދިރިއުޅުމުގެ ފުރުސަތު ލިބުން ކަމަށެވެ. މިހާރު މި ދިވެހިރާއްޖެ އެ އަމާޒަށް ވާސިލުވެފައިވާ ކަމަށް ބުނެ ރައީސް ޔާމީނަށް އަބްދުއްރަހީމް ވަނީ ތައުރީފް ރައްދު ކުރައްވާފައެވެ.

އަދުރޭ މިހެން ވިދާޅުވި ނަމަވެސް މިދިޔަ އަހަރު ތެރޭގައިވެސް ސިލްސިލާ މާރާމާރީގައި ޒުވާނުންތަކެއް ވަނީ މަރާލެވިފައެވެ. އަދި ޒުވާން ބްލޮގަރ، ޔާމީން ރަޝީދު ވަނީ އޭނާގެ ގޭ ދޮރުމަތީގައި މަރާލާފައެވެ. ޔާމީން ރަޝީދުގެ ޝަރީއަތް ހުޅުވާލުމަށް އޭނާގެ އާއިލާއާއި ގާތްތިމާގެ މީހުން އަންނަނީ ގޮވާލަމުންނެވެ.