Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ޕީޕީއެމުން ރޯދައަށް ބްރޭކެއް ނަގަނީ

ޕީޕީއެމުން މިއަހަރުވެސް ރޯދަމަހު ސިޔާސީ ހަރަކާތްތަކުން ބްރޭކެއް ނެގުމަށް ނިންމައިފިއެވެ.

ޕާޓީން ބުނެފައިވާ ގޮތުގައި ޕާޓީގެ މެމްބަރުންނާއި ވެރިން އަދި އެންމެހާ ފަރާތްތަކަށް ރަމަޟާން މަހު އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ރަމަޟާން މަހު ސިޔާސީ ހަރަކާތްތައް މެދުކަނޑާލާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

މިއަދު އެޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާޓީގެ ނައިބު ރައީސް، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ޕީޕީއެމުން ވަރަށް ގިނަ ކަންތައް ރާވައި، މަސައްކަތްތައް ކުރަން އެބަ ތިބި ކަމަށެވެ.

ނަމަވެސް ރޯދަ މަހަށް ރަސްމީ ގޮތެއްގައި ޕާޓީގެ މަސައްކަތް މަޑު ޖައްސާލުމަށް ނިންމާފައިވާއިރު، ބްރޭކުގެ ކުރިން ބޮޑު ޖަލްސާއެއް ބާއްވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. "ހެސްކިޔާފައި" ގެ ނަމުގައި ބާއްވާ މި ބޮޑު ޖަލްސާ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ބާއްވާ މި ޖަލްސާގައި ރައީސް ޔާމީންގެ ދެ ކަނބަލުން ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރޯދައަށް ޕާޓީގެ ރަސްމީ ހަރަކާތްތައް މެދު ކަނޑާލި ނަމަވެސް ކެމްޕޭނު ޓީމުތަކުން ރަމަޟާން މަހުގައިވެސް މާލެއާއި އަތޮޅު ތެރޭގައި ހަރަކާތްތެރިވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. އެބޭފުޅުން ރަމަޟާން މަސައްކަތް ކުރާނީ ރައްޔިތުން ހާލު އޮޅުންފިލުވުމަށް ކަމަށް އޭނާ އިތުރުކޮށްފައިވެއެވެ.